ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރާ ބައްދަލުކުރައްވައިފިއެވެ.

ޕާކިސްތާނުގެ ރާވަލްޕިންޑީގައި ހުންނަ އަސްކަރިއްޔާގެ މައި މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމުގެ އިތުރުން، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ވަނީ ދިވެހިރާއްޖެއާއެކު އޮންނަ ގުޅުމަށް ޕާކިސްތާނުން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި ދެ ގައުމުގެ ލާބައާއި މަންފާއަށްޓަކައި މި ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ހަމަ އެެހެންމެ އަބްދުއްރަހީމް އަބްދުﷲ ގެ ވާހަކަފުޅުގައި، ސަރަހައްދީ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމުގައި ޕާކިސްތާނުން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި، އެކަމަށް ވަނީ ތައުރީފު ކުރައްވާފައެވެ. މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އެދިވަޑައިގެންފައި ވެއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އަބްދުއްރަހީމް ހިމެނޭހެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގުރޫޕުގެ ވަފުދެއް ޕާކިސްތާނަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައެވެ.

މިއީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް އެބޭފުޅުން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މި ވަފުދުން ބައްދަލުކުރައްވަައި ތަޖުރިބާއާއި ހިޔާލު ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވައެވެ.