ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އާއި ވަޒީރުންގެ އިތުރުން ރަށު ކައުންސިލްތަކުގެ މެންބަރުންގެ އެލަވަންސްތައް ބޮޑުކޮށް، އެ މަގާމުތަކަށް ލިބޭ ޖުމްލަ ޓޭކް ހޯމް މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ މަޖިލީހުގެ ރައީސަށް އިތުރު އެލަވަންސެއް ހަމަޖެއްސުމަށާއި، ވަޒީރުންގެ ކާރު އެލަވަންސް ބޮޑުކުރުމަށް އަދި ކައުންސިލަރުންނަށް އިތުރު އެލަވަންސެއް ދިނުމާ މެދު މަޝްވަރާ ކުރުމަށް ހުށަހަޅުއްވާފައެވެ.

އިދާރީ މޭޒުން ކޮމިޓީގެ މަޝްވަރާއަށް ހުޅުވާލި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • މަޖިލީހުގެ ރައީސް: މަހަކު 22,000 ރުފިޔާގެ އެލަވަންސެއް ހަމަޖެއްސުން. މި ބަދަލާއެކު މަޖިލިސް ރައީސްގެ ޖުމްލަ މުސާރަ އާއި އެލަވަންސް 95,125 ރުފިޔާއަށް އަރާނެއެވެ.
  • ވަޒީރުން: ކާރު އެލަވަންސް 17,000 ރުފިޔާއަށް ބޮޑުކުރުން. މިއާއެކު ވަޒީރެއްގެ މުސާރައާއި އެލަވަންސް މަހަކު 75,500 ރުފިޔާއަށް އިތުރުވާނެއެވެ. މިހާރު ވަޒީރަކަށް ލިބިވަޑައިގަންނަވަނީ މަހަކު 58،500 ރުފިޔާއެވެ.
  • ކައުންސިލަރުން: ކޮންމެ ކައުންސިލަރަކަށް 5,000 ރުފިޔާގެ ސާވިސް އެލަވަންސެއް ހަމަޖެއްސުން.

މި އެލަވަންސްތައް ބޮޑުކުރުމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާއިރު، މި ނިންމުމާ ދެކޮޅު ހެއްދެވި ހަމައެކަނި މެންބަރަކީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ.

މި ބަދަލުތައް ގެންނަން ނިންމި ސަބަބުތައް ބަޔާންކޮށް އިދާރީ މޭޒުން ހުށަހެޅި ކަރުދާހުގައި ފާހަގަކޮށްފައިވަނީ، މަޖިލީހުގެ ރައީސްއަށް މިހާރު މުސާރައާއި އެލަވަންސް ހިމަނައިގެން ލިބިވަޑައިގަންނަވާ 73،325 ރުފިޔާއަކީ މަޖިލީހުގެ ނައިބު ރައީސާއި އާންމު މެންބަރުންގެ މުސާރައަށް ވުރެ ވެސް ކުޑަ އަދަދެއް ކަމަށެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސަށް މިހާރު ވެސް 91،000 ރުފިޔާ އަދި މެންބަރަކަށް 82،500 ރުފިޔާ ލިބެމުންދާއިރު، މި ގެނައި ބަދަލަކީ މުސާރަތައް އެއްހަމަކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ވަޒީރުންގެ މުސާރައާއި އެލަވަންސްތައް ބޮޑުނުކުރާތާ އެތައް އަހަރެއް ވެފައިވާއިރު، ޝަރުއީ ދާއިރާ ހިމެނޭހެން މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މެންބަރުންނަށް 81،000 ރުފިޔާއާއި 91،000 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭއިރު، ވަޒީރުންގެ މުސާރަ އެއަށްވުރެ ކުޑަވުމަކީ ވެސް މި ބަދަލު ގެންނަން ޖެހުނު މައިގަނޑު އެއް ސަބަބު ކަމަށް މާލިއްޔަތު ކޮމިޓީގެ ކަރުދާހުގައި ބަޔާންކޮށްފައިވެއެވެ.