ދިވެހިރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކޮށް، ޓެކްސް އިދާރާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ބަޔާންތައް ގަވާއިދުން ހުށަހަނާޅާ ފަރާތްތަކާ މެދު އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމުގެ މަޤްޞަދުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ. މި އިސްލާހުތަކުގެ މައިގަނޑު އަމާޒަކީ ޓެކްސް ދައްކާ ފަރާތްތަކުން ގާނޫނާ އެއްގޮތަށް އަމަލުކުރުން އިތުރުކުރުމާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބެންޖެހޭ މައުލޫމާތުތައް ފުރިހަމައަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި ޓެކްސް ދެއްކުމުން ރެކިގަތުމާއި ބަޔާންތައް ހުށަނޭޅުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް އަންނަ ހީނަރުކަން ކުޑަކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ބިލުގައި މައިގަނޑު ގޮތެއްގައި ބަދަލު ގެނައުމަށް ހުށަހަޅާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާތަކާއި އިދާރީ ފިޔަވަޅުތަކަށެވެ.

މިގޮތުން ހުށަހަޅާފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ކަނޑޅާފައިވާ މުއްދަތުގައި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ މައްޗަށް މިހާރު ކަނޑައަޅާފައިވާ 500 ރުފިޔާގެ ޖޫރިމަނާ، 5,000 (ފަސްހާސް) ރުފިޔާއަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި ބަޔާން ހުށަނޭޅުމުން ދައްކަންޖެހޭ ޓެކުހުގެ އަދަދުން މިހާރު ނަގާ ޕަސެންޓުގެބަދަލުގައި، އެ މުއްދަތަށް ދައްކަންޖެހޭ ޓެކުހުގެ 100 ޕަސެންޓާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ ހަރުދަނާ އުސޫލެއް ތައާރުފުކުރުން ހިމެނެއެވެ.

މީގެ އިތުރުން މީރާއިން ހިންގާ އޮޑިޓްތަކަށާއި ތަހްގީގުތަކަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްނުދޭ ފަރާތްތަކާ، ޓެކްސް އިދާރާގެ ގާނޫނީ އަމުރުތަކަށް އިޖާބަނުދޭ ފަރާތްތަކުގެ މައްޗަށް ކަނޑައަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުން ހިމެނެއެވެ. މި ބިލުގެ ސަބަބުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގައި ޢަމަލުކުރާ މިންގަނޑުތައް، ޓެކްސް އިދާރީ ގާނޫނުގެ ޖޫރިމަނާގެ އޮނިގަނޑާ ފުރިހަމައަށް ގުޅުވައިލެވިގެންދާނެއެވެ.

މީގެ އިތުރުން، ވިޔަފާރިތަކުން މާލީ ރެކޯޑުތައް ރަނގަޅަށް ބެލެހެއްޓުމާއި، މީރާގެ އޮފިސަރުންނަށް މައުލޫމާތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން އިތުރުކުރުމުގެ މާއްދާތައް ވެސް މި އިސްލާހުގައި ހިމެނިފައިވެއެވެ.