އިންޑިއާގެ ކަޝްމީރުގައި ހަރަކާތްތެރިވި ފަތުރުވެރިންތަކަށް ހަމަލާދީ 26 މީހަކު މަރާލުމުގެ ބަދަލު ހިފަން އިންޑިއާއިން ޕާކިސްތާނަށާއި ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ޖުމްލަ 9 ތަނަކަށް މިސައިލުން ދިން ހަމަލާގައި 8 މީހަކު މަރުވެ 35 މީހަކު ޒަހަމްވެފައި ވާ ކަމަށް ޕާކިސްތާނުގެ އިދާރާތަކުން ބުނެއެވެ.

މި ހަމަލާއަށް ފަހު އިންޑިއާގެ އާމީން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 'ޖަސްޓިސް އިޒް ސާވްޑް" ކަމަށެވެ.

ހަމަލާއާ ގުޅިގެން ޕާކިސްތާނުން ބުނެފައި ވަނީ، އެއީ ހަނގުރާމަ އިއުލާން ކުރުން ކަމަށާއި ބަދަލު ހިފާނެ ކަމަށެވެ.

އަލްޖަޒީރާއިން އާންމު ކުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އިންޑިއާގެ ހަމަލާތަކުގައި ސަރުކާރުގެ ބައެއް އިމާރާތްތަކާއި ބައެއް މިސްކިތްތަކަށް ގެއްލުން ވެފައި ވެއެވެ.

މި ހަމަލާތަކާ ގުޅިގެން ޕާކިސްތާނުން ރައްދު ހަމަލާއެއް އަދި ދީފައި ނުވި ނަމަވެސް ހުސްވި އޭޕްރީލް 22 އިން ފެށިގެން ކަޝްމީރު ސަރަހައްދުގައި ހިނގާ ހަމަނުޖެހުންތަކާއި ދެފަރާތުގެ ބޯޑަރުގައި ބަދަލު ކުރަމުންދާ ހަމަލާތައް ކުރިއަށް ދެއެވެ. އެއް ފަރާތުން އަނެއް ފަރާތަށް ތުހުމަތުތައް ކުރާ އިރު ބޯޑަރުގައި އިންޑިއާ ސިފައިން ހުދު ދިދަ ނަގާ އަމާންދީފައި ވާ ކަމަށް ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތައުﷲ ތަރާރު ވިދާޅުވެއެވެ. ހަމައެހެންމެ އިންޑިއާގެ އަސްކަރީ މަގާމަކަށް ހަމަލާ ދީ ގޮއްވާލާފައި ވާ ކަމަށާއި އިންޑިއާގެ ޖެޓެއް ވައްޓާލައިފައި ވާ ކަމަށް ވެސް ސޯޝަލްމީޑިއާގައި ހަބަރު ފަތުރާފައި ވެއެވެ. މި ހަބަރުތަކާ ގުޅިގެން ފެކްޓް ޗެކާ (ތެދު ދޮގު ބަލާ އިދާރާއެއް) އިންޑިއާ ޕްރެސް އިންފޮމޭޝަން ބިއުރޯ އިން ބުނެފައި ވަނީ، އިންޑިއާގެ އަސްކަރީ މަގާމަކަށް ހަމަލާދީ ގޮއްވާލި ކަމަށް ބުނެ ފަތުރާފައި ވާ ހަބަރަކީ ދޮގެއް ކަމަށެވެ. ނަމަވެސް ވެއްޓުނު ޖެޓާ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވާ ގޮތުން މުޅި ޕާކިސްތާން އޮތީ ބަދަލު ހިފުމުގެ ރޫހުގައެވެ. އޭނާ ވިދާޅުވަނީ ޕާކިސްތާނަކީ ސުލްހައަށް ލޯބިކުރާ ބަޔަކު އުޅޭ ގައުމެއް ކަމަށާއި ނަމަވެސް ގައުމަށް މުސީބާތެއް ނުވަތަ ގޮންޖެހުމެއް ކުރިމަތިވުމުން މުޅި ރައްޔިތުން އެކުގައި އެކަތިގަނޑެއްގެ ގޮތުގައި ތިބި ކަމަށެވެ.

ޕާކިސްތާނުގައި އިންޑިއާގެ ދިދަ އަންދާ، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފޮޓޯ އަށް އިހާނެތި ކޮށް ހިތާފައި ވެއެވެ. ހަމަ އެގޮތަށް އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ޕާކިސްތާންގެ ދިދަ ބިންމަތީގައި ބާއްވާ އޭގެ މަތިން އާންމުން ހިނގާ ހަދާފައި ވެއެވެ.

އޮޕަރޭޝަން 'ސިންދޫރު" ގެ ނަމުގައި އިންޑިއާ އިން ރޭ ކުރިއަށް ގެންދިޔަ ހަމަލާތަކަކީ އެގައުމުން ބުނާގޮތުން ޕާކިސްތާނާއި ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ތިބި ޓެރަރިސްޓުންނަށް އަމާޒު ކުރި ހަމަލާތަކެކެވެ. އެގޮތުން ހަނގުރާމަވެރި ޖަމާއަތްތައް ކަމަށް ވާ 'ޖައިޝޭ މުހައްމަދު އާއި ލަޝްކަރޭ ތޮއިބާ" ހިމެނެއެވެ. ،މި ދެ ޖަމާއަތަކީވެސް ކަޝްމީރުގައި ހަރަކާތްތެރިވާ އަދި ކަޝްމީރު ޕާކިސްތާނާ އެއްކޮށްލުމަށް ބޭނުންވާ 2 ޖަމާއަތެވެ.

މި ހަމަލާއާ ގުޅިގެން އިންޑިއާގެ އަސްކަރިއްޔާ އިން އިތުރަށް ބުނެފައި ވަނީ، ހަމަލާައި ޕާކިސްތާނު ސަރުކާރު އަސްކަރިއްޔާގެ އެއްވެސް މަގާމަކަށް ހަމަލާ ދީފައި ނުވާނެ ކަމަށާއި ހަމަލާ ދިނުމުގައާއި ހަމަލާ ދިން ތަންތަން އިހުތިޔާރު ކުރުމުގައި ވީހާވެސް ގެއްލުން ކުޑަގޮތް އިހުތިޔާރު ކޮށްފައި ވާނެ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އެމެރިކާގެ ދިފާއީ ވަޒީރު ވަނީ ދެގައުމުގެ އިސްވެރިންނަށް ގުޅުއްވައި، ދެފަރާތުން ވާހަކަ ދެއްކުމަށާއި މަޝްރަހު އިތުރަށް ހޫނު ނުކުރުމަށް އެދިވަޑައިގެންފައެވެ.

ޕާކިސްތާނުން ބުނާގޮތުން، އިންޑިއާއިން ހަމަލާ ދިނީ، ކަޝްމީރުގައި ދިން ހަމަލާގައި ޕާކިސްތާނުގެ ބައިވެރިވުމެއް ނެތީހެވެ. އަދި އެކަން ސާބިތު ކޮށްދެވޭނެ އެއްވެސް ހެއްކެއް އިންޑިއާއަށް ދެއްކިފައި ނުވާ ކަމަށް ވެސް ބުނެއެވެ.