ޑޭޝް-8 މަރުކާގެ ފްލައިޓެއް ވިއްކާލުމުގެ މަސައްކަތް، ގައުމީ އެއާލައިން މޯލްޑިވިއަނުން ފަށައިފިއެވެ.

މިއަދު ކުރި އިއުލާނެއްގައި މޯލްޑިވިއަނުން ބުނީ، ޑީ ހެވިލޭންޑް ޑޭޝް-8 މަރުކާގެ 'އެމްއެސްއެން-546' ގަންނަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެހެންކަމުން މި ފްލައިޓް ގަތުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށްޓަކައި މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:30 ގެ ކުރިން މެއިލްކުރުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.

މޯލްޑިވިއަންގެ ފްލީޓް ބޮޑުކުރުމަށްޓަކައި އޭޓީއާރު މަރުކާގެ ބޯޓެއް ގެނައުމަށް އެ ކުންފުންޏާ އެކު ސޮއިކުރީ މީގެ ގާތްގަނޑަކަށް ދެ އަހަރުކުރިންނެވެ. އޭގެ ފަހުން މިދިޔަ އޭޕްރިލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވިއަނުން ވަނީ އޭޓީއާރުގެ ތިން ފްލައިޓެއް ގެނެސްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، އޭޓީއާރު މަރުކާގެ ފްލައިޓްތައް ބޭނުންކުރަން ފެށުމާ އެކު، މޯލްޑިވިއަނުން ބޭނުންކުރަމުން ދިޔަ ޑޭޝް-8 މަރުކާގެ ފްލައިޓްތައް ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

މިއަދު ވިއްކާލަން މޯލްޑިވިއަނުން އިއުލާނުކުރި ބޯޓަކީ މީގެ 12 އަހަރު ކުރިން އެ ކުންފުނީގެ ފްލީޓަށް އިތުރުކުރި ބޯޓެކެވެ.