ކޮލިފައިންގ ލޯ ޑިގްރީ އިމްތިޙާނުތައް މަރުކަޒުތަކަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް އިސްލާހު ގެނައި ނަމަވެސް، އިމްތިހާނު ހެދުމަށްޓަކައި ދަރިވަރުން މާލެއަށް ނުވަތަ އެހެންވެސް ވަކި ރަށަކަށް ދަތުރުކުރުން ލާޒިމު ނޫންކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ހާމަކޮށްފިއެވެ.

ގާނޫނީ ތައުލީމުގެ "މިނިމަމް ސްޓޭންޑަރޑްސް" އަށް ގެނެވުނު ދެވަނަ އިސްލާހާ ގުޅޭގޮތުން ބާކައުންސިލުން ބުނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި އުސޫލުގެ ދަށުން، ދަރިވަރުން ދިރިއުޅޭ ރަށެއްގައި ތިބެގެން އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް އިދާރާ މެދުވެރިކޮށް އިމްތިހާނު ކުރިއަށް ގެންދިއުމުގެ އިހްތިޔާރު މަތީ ތައުލީމުދޭ މަރުކަޒުތަކަށް ލިބިގެންވެއެވެ.

މި ބަދަލާ ގުޅޭގޮތުން ބާ ކައުންސިލުން އިތުރަށް ބުނީ މި އިސްލާހުގެ ސަބަބުން ބަދަލުވަނީ ހަމައެކަނި އިމްތިހާނު ހަދާ ގޮތް ކަމަށާއި، ކޯހުގެ މަންހަޖަށާއި، ކިޔަވައިދޭ މާއްދާތަކަށް އަދި ކޯހުގެ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ބާ ކައުންސިލްގެ ހުއްދަ ލިބިފައިވާ ކޯސްތަކުގެ ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި ދަރިވަރުން މިހާތަނަށް ހާސިލުކޮށްފައިވާ ކްރެޑިޓްތަކަށްވެސް އެއްވެސް އުނިކަމެއް ނާންނާނެކަމަށެެވެ.

މީގެ އިތުރުން ބާކައުންސިލުން ބުނީ މިއީ ދިވެހިރާއްޖޭގެ ގާނޫނީ ތައުލީމުގެ ފެންވަރު މަތިކުރުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް އިމްތިހާނުތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު ކަށަވަރުކުރުމަށް ގެނައި އިސްލާހެއް ކަމަށެވެ. އަދި ގާނޫނީ ވަކީލުކަމަކީ ރައްޔިތުންގެ ހައްގުތަކާ ސީދާ ގުޅިފައިވާ ޒިންމާދާރު ދާއިރާއަކަށްވާތީ، މި ދާއިރާއަށް ނުކުންނަ ފަރާތްތަކަކީ ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށްވެސް އެ ކައުންސިލުން ފާހަގަކުރެއެވެ.

ގާނޫނީ ދާއިރާގެ ހުރިހާ އިމްތިހާނެއް މަތީ ތައުލީމު ހާސިލުކުރާ މަރުކަޒަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުގެ ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. ޒިކްރާ އިންޓަނޭޝަނަލް ކޮލެޖާ، ވިލާ ކޮލެޖްގެ އިތުރުން އެވިޑް ކޮލެޖްގެ ދަރިވަރުން ހުށަހެޅި މި ޕެޓިޝަނުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބުނެފައިވަނީ، ދަރިވަރުން ކޯހާ ގުޅުނީ އޮންލައިންކޮށް އިމްތިހާނު ދެވޭނެކަމުގެ ހުއްދަ އޮތް ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ކޯހުގެ މެދުތެރެއިން މިފަދަ އަސާސީ ޝަރުތެއް ބަދަލުކުރުމަކީ އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ ހައްގު ގެއްލިގެންދާ ކަމެއް ކަމަށް ދަރިވަރުން ފާހަގަކޮށްފައިވެއެވެ.