ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ "ކޮލިފައިން ލޯ ޑިގްރީ" (ކިއުއެލްޑީ) ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑުތަކަށް ގެނައި ދެވަނަ އިސްލާހަށް އަމަލުކުރަން ފަށާ ތާރީހު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ފަސްކޮށްފިއެވެ.

މި މަހުގެ 20 ވަނަ ދުވަހު ބާ ކައުންސިލުން ނެރުނު "ކްރައިޓީރިއާ" ގައި ވާގޮތުން އޮގަސްޓު 26, 2026 އިން ފެށިގެން ހާޒިރުވެގެން އިމްތިހާން ހެދުމަށް މަޖުބޫރުކުރެއެވެ. އަދި މި އުސޫލުތަކަކީ ރާއްޖޭގައި ގާނޫނީ ތައުލީމު ދޭ މަރުކަޒުތަކުން ކޮންމެހެން އަމަލުކުރަންޖެހޭ އުސޫލުތަކެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އެ ތާރީހު ފަސްކުރުމަށް ނިންމާ، އެކަން ބާ ކައުންސިލުން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން މި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހު އަންނަ އަހަރުގެ ޖެނުއަރީ 1 އަށް ވަނީ ފަސްކޮށްފައެވެ.

ބާ ކައުންސިލުން ހާޒިރުވެގެން އިމްތިހާނު ހަދަން ޖެހޭ ގޮތަށް އިސްލާހު ބަދަކުކުރުމާ ގުޅިގެން އެ ނިންމުމާ ދެކޮޅަށް އޮންލައިންކޮށް ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވާއިރު އެ ޕެޓިޝަންގައި އިމްތިހާނު އޮންލައިންކޮށް ބޭއްވުމަށް ގޮވާލާފައިވެއެވެ.

މި އިސްލާހަކީ ކިއުއެލްޑީ ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުތުތަކާއި، އެ ޕްރޮގްރާމްތަކުގެ އިމްތިހާނުތައް ކުރިއަށްގެންދާނެ ގޮތުގެ މިންގަނޑުތައް ކަނޑައެޅުމަށް ގެނެސްފައިވާ ބަދަލުތަކެއް ހިމެނޭ އިސްލާހެކެވެ.

ބާ ކައުންސިލުން ވަނީ މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ހުރިހާ ކިއުއެލްޑީ ޕްރޮގްރާމްތަކަކަށް މި ގަވާއިދު ހިނގާނެކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ޖެނުއަރީ 1، 2027 ގެ ކުރިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައްވެސް ހިމެނޭނެ ކަމަށް ބުނެފައިވެއެވެ.

މި މިންގަނޑުތަކުގެ ދަށުން، ކިއުއެލްޑީ ޕްރޮގްރާމެއް ފުރިހަމަވާނީ މަދުވެގެން 240 ކްރެޑިޓްގެ ކިޔެވުން ފުރިހަމަކުރުމުންކަމަށާއި، މިއީ ތިން އަހަރު ދުވަހުގެ ފުލްޓައިމް ޑިގްރީއެއްގެ މައްޗަށް ބިނާކޮށް ކަނޑައަޅާފައިވާ މިންގަނޑެއްކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.

ކިއުއެލްޑީ ޕްރޮގްރާމްތަކުގެ މިންގަނޑުތަކަށް ބާ ކައުންސިލުން ފުރަތަމަ އިސްލާހެއް ގެނެސްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެ ފަހަރު ގެނައި އިސްލާހުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ޕްރޮގްރާމަށް ވަނުމުގެ އަސާސީ ޝަރުތުތަކެވެ. އޭގެ ފަހުން ގެނައި މި ދެވަނަ އިސްލާހަށް އަމަލުކުރުން ފަސްކުރިކަން ބާ ކައުންސިލުން އިއުލާންކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.