ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާން ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ގެނައި ކުއްލި ބަދަލާއެކު ކިޔަވަމުންދާ ދަރިވަރުން ކަންބޮޑުވުންފާޅުކުރަން ފަށައިފިއެވެ.
ގާނޫނީ ފަންނުގެ ގާނޫނުން ބާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން މި މަހުގެ 20 ވަނަ ދުވަހު ބާ ކައުންސިލުން ނެރުނު "ކްރައިޓީރިއާ" އަކީ ރާއްޖޭގައި ގާނޫނީ ތައުލީމު ދޭ މަރުކަޒުތަކުން ކޮންމެހެން އަމަލުކުރަންޖެހޭ އުސޫލުތަކެކެވެ. އެ އުސޫލުގައި ވާ ގޮތުން އޮގަސްޓު 26, 2026 އިން ފެށިގެން ހާޒިރުވެގެން އިމްތިހާން ހެދުމަށް މަޖުބޫރުކުރެއެވެ.
އެ ނިންމުމާ ދެކޮޅަށް އޮންލައިންކޮށް ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވާއިރު އެ ޕެޓިޝަންގައި އިމްތިހާނު އޮންލައިންކޮށް ބޭއްވުމަށް ގޮވާލާފައިވެއެވެ.
ކޯހުގައި ކިޔަވަން ފެށީ ވަރަށް އުންމީދާއެކު ކަމަށާއި މިކަން ފުރިހަމައަށް ދިރާސާކުރުމަށްފަހު ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުގެއްލޭނެ ފަދަ އަދުލުވެރި ނިންމުމެއް ނިންމަވައި ދެއްވުމަށް ބާ ކައުންސިލަށް އެ ދަރިވަރުންގެ ޕެޓިޝަންގައި އިލްތިމާސްކޮށްފައިވެއެވެ. އެ ޕެޓިޝަންއަކީ ވިލާ ކޮލެޖްގެ ދަރިވަރުންގެ އިތުރުން ޒިކުރާ އިންޓަނޭޝަން ކޮލެޖް އަދި އެވިޑް ކޮލެޖްގެ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެންދާ ޕެޓިޝަނެކެވެ. އެ ދަރިވަރުންގެ ކަންބޮޑުވުމަކީ ގިނަ އަދަދެއްގެ ދަރިވަރުންނަކީ މާލެއިން ބޭރުގައި ދިރިއުޅެމުންދާ ދަރިވަރުންކަމަށްވާއިރު އިމްތިހާނަށް މާލެ އައުމާއި މާލޭގައި ތިބުމަށް ގިނަ ހަރަދުތަކެއް ހޭދަވުމެވެ. އަދި ދިރިއުޅުމުގެ ކަންކަމާއި ވަޒީފާއާއި މާލީ ދަތިތަކުގެ ސަބަބުން މާލެ އައިސް އިމްތިހާނުގައި ބައިވެރިވުމަށް ގިނަ ދަރިވަރުންނަށް އުޒުރުވެރިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން ގިނަ ދަރިވަރުންތަކެއް ކިޔަވަމުންދާއިރު ބާ ކައުންސިލްގެ ކުއްލި ނިންމުމާ ގުޅިގެން ގިނަ ދަރިވަރުންނަށް ކޯސް ދޫކޮށްލަށް މަޖުބޫރުވެގެންދިއުމަކީ ސަރުކާރަށްވެސް އޭގެ ސަބަބުން ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަކެވެ.
