ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައި ނުސާފުވެފައިވާ މިންވަރު އިންތިހާއަށް މަތިވެ، ވެރިރަށް މާލެ އާއި ދ. ކުޑަހުވަދޫގެ ވައިގެ ސާފުމިން (އެއާ ކޮލިޓީ) ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމްތަކުގެ ހިސާބުތަކުން ދައްކައިފިއެވެ.

އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ދ. ކުޑަހުވަދޫގެ އެއާ ކޮލިޓީ އިންޑެކްސް ހުރީ 172 ގައެވެ. އަދި ވެރިރަށް މާލެ އާއި ވިލިމާލޭގެ އިންޑެކްސް 170 ގައި ހުރިއިރު، ލ. ގަމުގައި ހުރީ 160 ގައެވެ. ހދ. ކުޅުދުއްފުށީގެ އިންޑެކްސް 157 ގައި ހުރި އިރު، ފުވައްމުލަކުގައި 124 އަދި އައްޑޫ ސިޓީގައި މި އަދަދު ހުރީ 112 ގައެވެ. މީގެ އިތުރުން ކ. މާފުށީގައި 96، ހުޅުމާލެ އަދި އދ. މަހިބަދޫގައި 93، ޅ. ނައިފަރުގައި 77 އަދި ރ. އަލިފުށީގައި މި އަދަދު އުޅެނީ 73 ގައެވެ.

އާންމު މިންގަނޑުތަކަށް ބަލާއިރު، އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުންނަ ނަމަ އެއީ 'މޮޑަރޭޓް' ނުވަތަ މެދުމިންވަރެއްގެ ހާލަތެއް ކަމަށް ބެލެވުނު ނަމަވެސް، އެއީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ހާލަތެކެވެ. ނަމަވެސް، އިންޑެކްސް 100 އަށް ވުރެ މަތިވެއްޖެ ނަމަ ސިއްހީ ގޮތުން ހައި ރިސްކު މީހުންނަށް އޮންނަ ނުރައްކާ ބޮޑުވެއެވެ. އަދި އިންޑެކްސް 150 އިން މައްޗަށް ދިއުމަކީ އާންމު އެންމެންގެ ސިއްހަތަށް ވެސް ނުރައްކާ އޮތް ހާލަތެކެވެ. އެހެންކަމުން މާލެ، ކުޑަހުވަދޫ، ގަން އަދި ކުޅުދުއްފުށީގެ މިންވަރު މިހާރު ހުރީ އާންމު އެންމެންނަށް ވެސް ސިއްހީ ގޮތުން ނުރައްކާވާ ފަދަ ދަރަޖައެއްގައެވެ.

ވައި ނުސާފުވާ މިންވަރު ބަޔާންކުރާ ސަމާލުތައް:

  • ރަތް ސަމާލު (އިންޑެކްސް 151-200): މިއީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށް ވެސް އޮތް ހާލަތެކެވެ. އެހެންކަމުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި އެން95 ފަދަ ރައްކާތެރި މާސްކެއް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ގޭތެރެއަށް ނުސާފު ވައި ނުވަންނާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް ވަނީ އެދިފައެވެ.
  • އޮރެންޖު ސަމާލު (އިންޑެކްސް 101-150): މި ހާލަތުގައި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުން އަދި ނޭވާލާ ނިޒާމާއި ހިތުގެ ބަލި ހުންނަ ނާޒުކު ފަރާތްތަކުން ބޭރުގައި ހަރަކާތްތެރިވުން މަޑުޖައްސާލަންޖެހެއެވެ. އަދި ބޭރަށް ނުކުންނަން ޖެހިއްޖެނަމަ އެން95 މާސްކު އެޅުމަށް ސަމާލުކަން ދޭންވާނެއެވެ.
  • ރީދޫ ސަމާލު (އިންޑެކްސް 51-100): ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ނާޒުކު ފަރާތްތަކަށް އަސަރުކޮށްފާނެތީ، އެފަދަ ފަރާތްތަކުން ބޭރުގައި ގިނަވަގުތު ނޫޅުމަށާއި ބޭރަށް ނުކުންނަނަމަ މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ރާއްޖެއަށް މި ދުވަސްވަރު ދުންފުހުގެ އަސަރު ކުރިމަތިވަނީ އިރުވައި މޫސުމުގެ ކުރީކޮޅު ނުވަތަ މޫސުން ބަދަލުވާ ދުވަސްވަރު ޖެހޭ ވައިގެ މިސްރާބު ހުންނަ ގޮތުންނެވެ. އެގޮތުން އަވަށްޓެރި އިންޑިއާ ހިމެނޭހެން ހިމާލިޔާ ސަރަހައްދާއި އުތުރު އޭޝިއާގެ ގައުމުތަކުގައި އުފެދޭ ދުމާއި ހިރަފުސް ވައިގެ އޮއިވަރާއެކު ބޭ އޮފް ބެންގޯލް ހުރަސްކޮށް ރާއްޖެއާ ދިމާއަށް ދަތުރުކުރަނީއެވެ. މި ދުވަސްވަރަކީ އުތުރު އިންޑިއާ ފަދަ ސަރަހައްދުތަކުގައި ފިނި މޫސުމާ ދިމާކޮށް ދަނޑުވެރިކަމުގެ ކުނި އެންދުމާއި، ކާރުޚާނާތަކުގެ ސަބަބުން ވައިގެ ނުސާފުމިން އިންތިހާއަށް މަތިވާ ދުވަސްވަރެއްކަން ފާހަގަކުރެވެއެވެ.

މީގެ ކުރީ އަހަރުތަކުގައިވެސް މިފަދަ ހާލަތްތައް ރާއްޖެއަށް ކުރިމަތިވެފައިވާއިރު، ސިއްހީ މާހިރުން އަބަދުވެސް ލަފާދެއްވަނީ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަދި ނޭވާހިއްލުން ފަދަ ބަލިތައް ހުންނަ ފަރާތްތަކުން ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށާއި ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށެވެ.