ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި "ކީސާ" ނަމަކަށް ކިޔާ ދޯނީގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީ، އެ މީހުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު ނޮވެންބަރު 10 ވަނަ ދުވަހުގެ ރޭ 23:51 ހާއިރު ލިބުމާ ގުޅިގެން، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް ހަރަކާތްތެރިވާން ފެށި ކަމަށެވެ.
މި އޮޕަރޭޝަނުގައި، ރޭގެ 02:37 ހާއިރު ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ދޯނި އޮތް ސަރަހައްދަށް ގޮސް، އޭގައި ތިބި ދިވެއްސަކާއި ތިން ބިދޭސީން ސަލާމަތްތެރިކަމާ އެކު އެމްއެންޑީއެފްގެ ހާބަރކްރާފްޓަށް ނަގާފައެވެ. އަދި އޭގެ ފަހުން، ދޯނީގެ ވެރިފަރާތުން ފޮނުވި "އޯސަން ރައިޑް" ނަމަކަށް ކިޔާ ދޯނި ރޭ ދަންވަރު 03:37 ހާއިރު އެ ސަރަހައްދަށް އައުމުން، ސަލާމަތްކުރި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.
މި ހާދިސާގައި ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއެއްގެ ވާތު ފަޔަށް އަނިޔާވެފައިވާތީ، އޭނާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
