ހުޅުމާލެ ފަރުކޮޅުފުއްޓާ ދިމާލު ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވި އަލިފާނާ ގުޅިގެން، ހިޔާ ޓަވަރުތަކަށް ދުމުގެ އަސަރު ކުރުމުގެ ފުރުސަތު އޮތުމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ، ދުމުން ރައްކާތެރިވުމުގެ ގޮތުން ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން މިވަގުތަށް ގޭގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެދިފައެވެ.
ފަރުކޮޅުފުއްޓާ ދިމާލު ބޭރުގައި އެއްކޮށްފައި ހުރި މި ކުނިތަކުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ކުރި މަސައްކަތުން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު މިއަދު 13:57 ހާއިރު ލިބުމާ އެކު، ހުޅުމާލެ ފަޔާ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި ހުޅުމާލެ ޓީމަށް އެހީތެރިވުމަށް މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ. ދެ ސްޓޭޝަން ގުޅިގެން ކުރި މަސައްކަތުން އަލިފާން ކޮންޓްރޯލް ކުރެވުނީ 15:59 ހާއިރުއެވެ.
އަލިފާން ކޮންޓްރޯލް ކުރެވުނު ނަމަވެސް، އަލިފާނުގެ އަސަރު އެއްކޮށް ކަނޑުވާލުމަށްޓަކައި މިހާރު ވެސް އެކްސްކަވޭޓަރު ބޭނުންކޮށްގެން ކުނިތައް ހާވައި، ފެން ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތި ދީފައެވެ. އަދި މި އަލިފާންގަނޑު ރޯވާންޖެހުނު ސަބަބު މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވެއެވެ.
