ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ހަލަބޮލި އެއް މައްސަލައަކަށް ވެފައިވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ހިންގަން ރާވާފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ މެދު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ގެންގުޅުއްވި ވިސްނުންފުޅު ކުއްލި ގޮތަކަށް ބަދަލުވެއްޖެއެވެ. ކުރިން މި މަޝްރޫއަށް ފާޅުގައި ފުރިހަމައަށް ތާއީދުކުރެއްވި ނަޝީދު މިހާރު ވަނީ މި މަޝްރޫއާ ދެކޮޅަށް އެމްޑީޕީން މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރާނެ ކަމަށް އިއުލާނު ކުރައްވާފައެވެ.
މި ހިނގާ މަހުގެ ކުރީކޮޅުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް ހުށަހެޅުނު ގަރާރާ ގުޅިގެން، ރައީސް ނަޝީދު ވަނީ އެ މަޝްރޫއަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައެވެ. އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން ކުރިން ގަސްތު ނުކުރެއްވި ނަމަވެސް ބައެއް މެންބަރުން އެމަނިކުފާނުގެ ނަން ގެންނެވުމުން ވާހަކަ ދައްކަވަން މަޖުބޫރުވި ކަމަށް ވިދާޅުވެ، އެ މަޝްރޫއަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ނަޝީދު އޭރު ވިދާޅުވިއެވެ. އީގަލް ހިލްސްއަށް ރަސްމާލެއިން 99 އަހަރަށް ބިން ދޭ މައްސަލައިގައި ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުން، ނަޝީދު ވިދާޅުވީ ރާއްޖޭގެ ތާރީހަށް ބަލާއިރު މީގެ 300 އަހަރު ކުރިން ވެސް ބޭރުން އައި މީހުން ހޯރަފުއްޓާއި ދުވާފަރު ފަދަ ރަށްރަށުގައި ވަޒަންވެރިވެފައިވާ ކަމަށެވެ. އަދި ގައުމީ މަޖިލީހުގެ މެންބަރުންނަކީ ވެސް އެގޮތަށް އައިސް ވަޒަންވެރިވި އާބާދީގެ ފަހުރުވެރި ދިވެހި ދަރިން ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ހަމައެއާއެކު، އެ މަޝްރޫއުގެ ސަބަބުން އެހެން ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިވާނެ ކަމަށް ބުނެ ދެއްކެވި ވާހަކަތަކަށް ވެސް ނަޝީދު އޭރު ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، އެމްޑީޕީގެ އަސްލު އުސޫލުތައް ދޫކޮށް ބޭރު މީހުންނާ މެދު ނަފުރަތު އުފެއްދުމާއި ދީން ސިޔާސީ ހަތިޔާރަކަށް ހެދުމަކީ ޕާޓީގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ. އަދި ޔޫއޭއީއަކީ އެމްޑީޕީއާ ގާތް ގުޅުމެއް އޮތް ގައުމަކަށް ވުމުން، މި މައްސަލައިގައި އެމްޑީޕީން ހިމޭނުން ތިބުން ބުއްދިވެރި ކަމަށާއި، ދެކޮޅު ހަދައިފިނަމަ އެ ގައުމު ސީދާ ޕީއެންސީގެ އަތްދަށަށް ދެވުނީ ކަމަށް ނަޝީދު އިންޒާރު ދެއްވިއެވެ. އެގޮތުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާ ސުވާލު ކުރައްވަމުން "ސިޔާސީ ޕޮއިންޓެއް ހޯދިދާނެ، އެކަމަކު މިކަން މި ކުރެވެނީ ކޮން އެއްޗެއް ގުރުބާންކޮށްފައިތޯ؟" ވެސް އެމަނިކުފާނު އެއްސެވިއެވެ.
ނަމަވެސް، މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ކުރިން ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް އެއްފަރާތް ކުރައްވައި، އެމަނިކުފާނު މިހާރު ވަނީ މި މަޝްރޫއާ ސީދާ ދެކޮޅަށް ތެދުވެވަޑައިގެންފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އެންމެ ފުރަތަމަ ވެސް އަލިއަޅުއްވާލެއްވީ ރާއްޖޭގެ ދަށަށް ގޮސްފައިވާ އިގްތިސާދީ ހާލަތަށެވެ. އެމަނިކުފާނު ވިދާޅުވީ، ޑޮލަރުގެ އަގު މިހާރު 23 ރުފިޔާއަށް ވުރެ މައްޗަށް އުފުލި، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް އަތޮޅުތެރޭގައި ތަކެތީގެ އަގުތައް ވަރަށް ބޮޑަށް ބޮޑުވެފައިވާކަން ފާހަގަކުރައްވައި މިސާލެއްގެ ގޮތުން ވިދާޅުވީ، މާލޭގައި 110 ރުފިޔާއަށް ލިބޭ ބާސްމަތީ ހަނޑޫ ކިލޯއެއް އައްޑޫ ހުޅުދޫގައި ހުރީ 220 ރުފިޔާއަށް ކަމަށެވެ. އަދި މާލޭގައި 35 ރުފިޔާއަށް ލިބޭ ކެއްކުމަށް ބޭނުންކުރާ ތެޔޮ ފުޅިއެއް ހުޅުދޫގައި 90 ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މި ހުރިހާ ކަމަކުން ދޭހަވަނީ މި ސަރުކާރަށް އިގްތިސާދާއި މާލީ ކަންކަން ބަލަހައްޓަން އެއްގޮތަކަށް ވެސް ނޭނގޭކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި އިގްތިސާދީ ދަތިތަކުގެ ތެރެއިން، ފުށިދިއްގަރުފަޅުގެ މަޝްރޫއާ ގުޅުވައިގެން ނަޝީދު ވިދާޅުވީ، އެ ފަޅުގައި ބޭރު ބަޔަކާ ގުޅިގެން ހިންގަން ރާވާފައިވާ ރެސިޑެންސީ މަޝްރޫއާ މެދު ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ނުލިބި، ވާނުވާ ނޭނގި ބޮޑު ކަންބޮޑުވުމެއް އޮތް ކަމަށެވެ. ވެރިން ކޮޓަރި ކޮޓަރީގައި ތިއްބަވައިގެން ނިންމަވާ ކަންކަން އަބަދުވެސް ނާކާމިޔާބުވާ ކަމަށާއި، މިދިޔަ އޮކްޓޯބަރު މަހު ބޭއްވި އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސްގައި ފާސްކުރި "ބޮޑުބަދަލު" ސިޔާސަތުގެ ދަށުން މިފަދަ ބޮޑެތި ކަންކަން ނިންމަން ވާނީ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގައި ފުށިދިއްގަރުފަޅުގެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންކަމުން، މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ރައްޔިތުންގެ ވޯޓެއް ނެގުމަށް ގޮވާލައި އަޑުއުފުލުމުގެ ގޮތުން އެމްޑީޕީން މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަން ނިންމާފައިވާ ކަމަށް އިއުލާނު ކުރެއްވިއެވެ. އެމަނިކުފާނުގެ އަމާޒަކީ މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރުން ކަމަށާއި، އެމްޑީޕީއަކީ އިހުތިޖާޖު ކުރަން ދަންނަ ޕާޓީއެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މި ބަދަލާ އެކު ފާހަގަކުރެވެނީ، އީގަލް ހިލްސްގެ މަޝްރޫއާ މެދު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ނަޝީދު ކުރިން ގެންގުޅުއްވި ދިފާއީ ވިސްނުންފުޅު އެއްކޮށް ދޫކޮށްލައްވައި، ޕާޓީގެ އާންމު މެންބަރުންގެ ވިސްނުމާ އެއްގޮތަށް ސަރުކާރުގެ މި މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުންނެވުމަށް އެމަނިކުފާނު މިހާރު އިސްނަންގަވާފައިވާ ކަމެވެ.
