އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ނުދާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް އިދިކޮޅުން ރާވަމުންދާ އެއްވުމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން ގާނޫނާ އެއްގޮތަށް ހުއްދަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި ގާނޫނީ އިމުގެ ތެރެއިން އެއްވުން ބޭއްވުމަށް ފުލުހުން ވަނީ އަންގާފައެވެ.

އަދި ހަމަ އެހެންމެ އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ފުލުހުންނާ މަޝްވަރާކޮށް ނުވަތަ މައުލޫމާތު ދީފައި ނުވާ ކަމަށާއި ވުމާއެކު، ކުރިން އެންގުމަކާ ނުލައި އެއްވުމަށް ކަނޑައަޅައި ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނަކަށް އެއްނުވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެއިތުރުން، މިފަދަ އެއްވުންތަކުގެ ސަބަބުން މަގުމަތީގެ ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭތީ، އެއްވެސް ފަރާތަކަށް ދަތިނުވާނޭހެން އަދި ގާނޫނީ އިމުގެ ތެރެއިން އެއްވުން އިންތިޒާމު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ވަނީ އެ އެއްވުމުގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ، އެފަދަ ކަންކަން ވަގުތުން ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.