އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ރޮނގުން ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ގަލޮޅު ގަސްކަރަ ޑރ. މުހައްމަދު ރަޝީދު އިބްރާހީމަށް އަދި ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މާފަންނު ސިލްވާ ކްލައުޑް، އައްބާސް އިބްރާހީމަށް އަރުވައިފިއެވެ.

މި ޝަރަފު ޒާހިރަށް އަރުވާފައި ވަނީ މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މި ދެ ބޭފުޅުންނަށްވެސް މި ޝަރަފު އަރުވާފައިވަނީ ދިގު މުއްދަތެއްގައި ދައުލަތަށާއި ގައުމަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އެގޮތުން ދެ ބޭފުޅުންނަށްވެސް ޝަރަފުގެ އައްޑަނައަކާއި ޝަރަފުގެ މެޑަލް ވަނީ އަރުވާފައެވެ.

ޑރ. މުހައްމަދު ރަޝީދު އިބްރާހީމް މިސްރުގެ ޖާމިއުލް އަޒްހަރުން މަތީ ތައުލީމު ހާސިލުކުރައްވައިގެން ރާއްޖެ ވަޑައިގެން، ދީނީ ތައުލީމު އުނގަންނައިދިނުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވަނީ އަމަލީ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

8 ފެބްރުއަރީ 1981 ގައި ރައީސް އޮފީހުގެ އެޑްވައިޒަރުކަމުން ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވި ޑރ. ރަޝީދު ވަނީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ.

އެމަނިކުފާނު އަދާކުރެއްވި މުހިންމު މަގާމުތަކާއި ކުރެއްވި ހިދުމަތްތަކުގެ ތެރޭގައި 15 ޖަނަވަރީ 1987 ގައި އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އުފެދުމާއެކު އެ މަދަރުސާގެ މުދީރުކަން ކުރައްވާ، ސާނަވީން ފެށިގެން އަރަބި ބަހުން ތައުލީމު ދޭ މަދަރުސާއަކަށް އެ ތަން ހެއްދެވުމާއި، ރައީސް އޮފީހުގެ ހާއްސަ ވަކީލުކަމާއި، 2014 އިން 2018 އަށް އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރުގެ އެޑްވައިޒަރުކަން ކުރެއްވުން ހިމެނެއެވެ.

މީގެއިތުރުން ކީރިތި ގުރްއާން ދިވެހިބަހަށް ތަރުޖަމާކުރާ ކޮމިޓީގައި ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާ، 18 އަހަރު ވަންދެން އެ ކޮމިޓީގެ ރައީސްކަން ކުރެއްވުމުގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ދީނީ ވާހަކަތައް ހިމެނޭ 17 ފޮތެއް ވަނީ ލިޔުއްވާފައެވެ.

އައްބާސް އިބްރާހީމް ދިވެހި ބަހާއި ތާރީހާއި ނޫސްވެރިކަމުގެ ދާއިރާއަށް 67 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާއިރު، ހަބަރުގެ ދާއިރާއަށް ވަދެވަޑައިގަތީ 1959 ވަނަ އަހަރުއެވެ. އޭރުއްސުރެ ހަބަރާއި ވާހަކައާއި މަޒުމޫނު ލިޔުއްވުމުގެ އިތުރުން، ބޭރު ބަސްބަހުން ހުންނަ ވާހަކަތައް ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގައި އެމަނިކުފާނު ވަނީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

އެމަނިކުފާނުގެ އަގުހުރި ހިދުމަތްތަކުގެ ތެރޭގައި 2000 ވަނަ އަހަރު ދިވެހި ބަސްފޮތް ޑިޖިޓަލް ކުރައްވާ، ކޮމްޕިއުޓަރުން ބޭނުންކުރެވޭ ގޮތް ހެއްދެވުމާއި، ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްކަން ކުރެއްވުމާއި، ރައީސް އޮފީހުން ނެރުއްވި ކީރިތި ގުރްއާނުގެ ދިވެހި ތަރުޖަމާގެ ބަސްތައް ފުރިހަމަކުރެއްވުމަށް މަސައްކަތް ކުރެއްވުން ހިމެނެއެވެ.

މީގެއިތުރުން މިހާރުވެސް ދިވެހި ލިޔުންތެރިންގެ ޖަމްޢިއްޔާގެ ރައީސްކަމާއި، ހެރިޓޭޖް މިނިސްޓްރީގެ މުޝީރުކަމުގެ މަގާމުގައި ހުންނަވައިގެން ގައުމަށް ދަނީ ހިދުމަތްކުރައްވަމުންނެވެ.

އައްބާސް އިބްރާހީމަށް މީގެ ކުރިން ވަނީ 1990 ވަނަ އަހަރު މިނިވަން 25 ގެ އިނާމާއި، ނޫސްވެރިކަމުގެ ރަންގަލަމާއި އަލިމަސް ގަލަން ލިބިވަޑައިގެންފައެވެ. އަދި އެމަނިކުފާނަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވީ 2013 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައެވެ.