ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށް ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފިއެވެ.
ސިއްރުކޮށްގެން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އަޑުއެހުމަށް ފަހު ހައި ކޯޓުން ބުނީ، މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް މިހާރު ނިމިފައިވާ ކަމަށާއި، އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހުގެ ރޭގައެވެ. އޭގެ ފަހުން ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީ، ދޫނިދޫ ކަސްޓޯޑިއަލްއަށް ބަދަލުކޮށްފައެވެ. ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އެ ބަންދު އަމުރު ބާތިލުކުރުމަށެވެ.
ޝާހިދު އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައެވެ. ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މިއީ އޭނާގެ ޝަހުސާއި އަބުރު ކަތިލުމަށް ސިޔާސީ މަގުސަދެއްގައި ފަތުރާ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ މި މައްސަލައިގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި، ގާނޫނީ އިޖުރާއަތްތައް ހަމަހަމަކަމާ އެކު ކުރިއަށްދާން ފުރުސަތު ދޭންޖެހޭ ކަމަށެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ޝާހިދަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން، އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ހައްޔަރުކުރިއިރު ގެންދެވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުންނެވެ.
