ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަބްދުލްޣަނީ މުހައްމަދުއެވެ. މި ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރުގެ އަރިހުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް، ބަންޑާރަނައިބު އަލްއުސްތާޒު އަހުމަދު އުޝާމް، ޖޭއެސްސީގެ ރައީސް އަލްއުސްތާޒު ހުސްނީ މުބާރަކް އަދި އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 29,490 އަކަމީޓަރުގެ 14 ބުރީގެ ޒަމާނީ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި އިމާރާތުގައި މާލޭގައި ހިންގަމުންދާ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓު، ފެމިލީ ކޯޓު، ޖުވެނައިލް ކޯޓު، ކްރިމިނަލް ކޯޓު އަދި ޑްރަގް ކޯޓުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ބޭނުންވާ ޖާގަ ތަރައްގީކުރެވި، ޝަރުއީ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުވެގެންދާނެއެވެ.
ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކޮށް ނިމުމުން، ޝަރުއީ ނިޒާމުގެ ތެރެއިން ހިދުމަތް ހޯދުމުގައި އާންމު ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 699.86 މިލިއަން ރުފިޔާއަށެވެ. އަދި މި މަޝްރޫއު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 720 ދުވަހުގެ މުއްދަތެކެވެ.
މާލޭގައި ހިންގަމުންދާ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްލެއް ނުލިބި އޮތް ބޮޑު މައްސަލައެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ކޯޓުތަކުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް ޒަމާނީ ފެންވަރަށް ގެނައުމަށް ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓަށް ހާއްސަ އިމާރާތެއް އެޅުމަށް މާލެއިން ބިމެއް ހަމަޖައްސާފައިވާއިރު، ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިންގުމަށް ވެސް ހުޅުމާލޭގައި އިމާރާތެއް ސަރުކާރުން ވަނީ ތަރައްގީކޮށްފައެވެ.
