ސާފިން ފެޑެރޭޝަން އޮފް ސްރީ ލަންކާ (އެސްއެފްއެސްއެލް) އިން އިންތިޒާމުކޮށްގެން ބޭއްވި އެސްއެފްއެސްއެލް ސާފް ޗެމްޕިއަންޝިޕްސް 2026 - އާރުގަމް ބޭ ސީރީޒްގެ އޯޕަން އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ރާއްޖޭގެ އާލިޔާ ލަތީފް ހޯދައިފިއެވެ.

އުމުރުން އެންމެ 9 އަހަރުގެ އާލިޔާ އެއްވަނަ ހޯދީ ފައިނަލް ހީޓުގައި ލަންކާގެ މިދިޔަ އަހަރުގެ ޖޫނިއާ ޗެމްޕިއަން ސަޔުނީ އަންޖަނާ އާއި ސްވިޒަލެންޑްގެ ކެމީލް އެޓާއާ ވާދަ ކޮށެވެ.

އޯޕަން ބައިގެ ދެވަނަ ހޯދާފައިވަނީ ލަންކާގެ މިދިޔަ އަހަރުގެ ޖޫނިއާ އަންހެން ޗެމްޕިއަން ސަޔުނީ އަންޖަނާއެވެ. އަދި ތިންވަނަ ހޯދީ ސްވިޒަލެންޑުގެ ކެމީލް އެޓާއެވެ.

އާލިޔާއަކީ ރާއްޖޭގެ އަންހެން ރާޅާއެޅުންތެރިން ހިމެނޭ ގައުމީ ޓީމުގެ އެތުލީޓެއްވެސް މެއެވެ. މިއީ އާލިޔާގެ ކެރިއަރުގައި ބައިނަލްއަގުވާމީ މައިދާނުގައި ހޯދި ފުރަތަމަ ކާމިޔާބީ އެވެ.

https://www.instagram.com/reel/DdN9Weyo6F8/?utm_source=ig_web_button_share_sheet

އާލިޔާ ވަނީ މިދިޔަ އަހަރު އުމުރުން އެންމެ 8 އަހަރުގައި ރާއްޖޭގެ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައި ތާރީހުގެ ތެރެއިން ޖާގަ ހޯދައިފަ އެވެ. މިއީ ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ޖޫނިއާ ޗެމްޕިއަންޝިޕްގައި އަންހެން ކެޓެގަރީ ހިމެނި ފުރަތަމަ ފަހަރެވެ.