ދުނިޔޭގެ ފެންވަރުގެ ރާޅާއެޅުމުގެ މުބާރާތް، "14 ވަނަ ފޯ ސީޒަންސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ" ފަށައިފިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު 4 އިން 11 އަށް ކުރިއަށްދާ މި މުބާރާތް ކުރިއަށްދަނީ ކ. އަތޮޅުގެ މަޝްހޫރު ސާފް ޕޮއިންޓެއް ކަމަށްވާ "ސުލްތާންސް" ގައެވެ. މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ފޯ ސީޒަންސް ކުޑަ ހުރާ ގައެވެ. މި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހައްމަދު ނަޝާތު ރަޝީދުގެ އިތުރުން މުބާރާތުގައި ވާދަކުރާ އެތުލީޓުންނާއި، ޓްރޮޕިކް ސާފް އަދި ފޯ ސީޒަންގެ ހާއްސަ މެހެމާނުން ބައިވެރިވެފައިވެއެވެ.
މި މުބާރާތުގައި ޖުމްލަ 6 ސާފަރުން ވާދަކުރާއިރު، އޭގެ ތެރޭގައި ބައިނަލްއަގުވާމީ ފަސް އެތުލީޓުންނާއި ރާއްޖެ ތަމްސީލުކުރާ ވައިލްޑްކާޑް އެތުލީޓެއް ހިމެނެއެވެ. ބައިނަލްއަގުވާމީ އެތުލީޓުންގެ ތެރޭގައި ހިމެނެނީ ހަވާއީގެ މޭސަން ހޯ، ބްރެޒިލްގެ ކައި އިބެލީ، އޮސްޓްރޭލިއާގެ ބީޑް ޑާބްރިޖް އަދި ފެލިސިޓީ ޕަލްމަޓިއާގެ އިތުރުން ދެކުނު އެފްރިކާގެ ޓްރެވިސް ލޯގީއެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ވައިލްޑްކާޑް އެތުލީޓަކީ ކ. ތުލުސްދޫގެ ހުނަރުވެރި ރާޅާއެޅުންތެރިޔާ އަދި ސާފް ގައިޑް އަހުމަދު ހިޝާމް ޝަހީމްއެވެ.
އާންމު ރޭންކިން މުބާރާތްތަކާ ހިލާފަށް، މި މުބާރާތަކީ ދައުވަތު ދީގެން ބާއްވާ ހާއްސަ މުބާރާތެކެވެ. މި މުބާރާތުގައި އެތުލީޓުން ތިން ވައްތަރެއްގެ ބޯޑުގައި ވާދަކުރަންޖެހެއެވެ. އެއީ ސިންގަލް-ފިން، ޓްވިން-ފިން އަދި ތްރަސްޓާ ބޯޑެވެ. މި ތިން ކެޓަގަރީން އެންމެ މަތިން ޕޮއިންޓް ހޯދާ ދެ އެތުލީޓުން ދަތުރުކުރާނީ ގްރޭންޑް ފައިނަލަށެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތް ދުވަހުގެ މުއްދަތުގެ ތެރެއިން އެންމެ ރާޅު ރަނގަޅު، ވައި އަދި ދިޔަވަރު އެންމެ އެކަށޭނަ ތިން ދުވަހުއެވެ. މިއީ ސުލްތާންސްގެ އެންމެ ފުރިހަމަ ރާޅުތަކުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހަމަޖައްސާފައިވާ އުސޫލެކެވެ. ކުޑަހުރާއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 5 މިނެޓުން ދެވޭ ސުލްތާންސް އަކީ ތަފާތު ސްޓައިލްތަކަށް ރާޅާއެޅުމަށް ގިނަ ފުރުސަތުތަކެއް ލިބޭ މަޝްހޫރު ޕޮއިންޓެކެވެ.
ޓްރޮޕިކްސާފް އަދި ފޯ ސީޒަންސް ގުޅިގެން 2011 ވަނަ އަހަރު ތައާރަފްކުރި މި މުބާރާތުގައި ދިވެހި ވައިލްޑްކާޑް އެތުލީޓުންނަށް ފުރުސަތު ދޭން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. މިއީ ދިވެހި ރާޅާއެޅުންތެރިންނަށް ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނާ އެކު ވާދަކޮށް ތަޖުރިބާ ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
މިފަދަ މުބާރާތްތަކުގެ ސަބަބުން ރާއްޖޭގެ ރާޅުތަކާއި، ދިވެހިންގެ ކަނޑުފަޅުގެ ސަގާފަތާއި ރާޅާއެޅުމުގެ ހުނަރުތައް ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނެވިގެންދާނެއެވެ.
