ދައުލަތުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ލިބޭ ފްލެޓާއި މުދަލަކީ ދެމަފިރިންގެ ހަމަހަމަ ހައްގެއްގެ ގޮތުގައި ކަނޑައެޅުމަށް އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މިއީ ދައުލަތުން ދޭ ބޯހިޔާވަހިކަމުގެ މަގުސަދު ކަމަށްވާ މުޅި އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާ، ކައިވެނި ރޫޅޭ ހާލަތްތަކުގައި އާއިލާއަށާ، ދަރިންނަށް ލިބޭ ނިކަމެތިކަން ކުޑަކުރުމުގެ މަގުސަދުގައި ހުށަހެޅުއްވި ބިލެކެވެ.
ބިލު ހުށަހެޅުމުގެ މައިގަނޑު ސަބަބުތައް ހާމަކުރައްވަމުން މުހައްމަދު އިބްރާހީމް ވިދާޅުވީ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓާ، ގޯތި ދިނުމުގައި ޝަރުތު ހަމަވޭތޯ ބަލައި ޕޮއިންޓް ދިނުމުގައި އެންމެ ބޮޑަށް ބަލާ ކަންތައްތަކުގެ ތެރޭގައި ކައިވެންޏެއް ކޮށްގެން އުޅުމާއި، ދަރިން ތިބި އަދަދު ހިމެނެއެވެ. އަދި ގިނަ ސްކީމްތަކުގެ އުސޫލުތައް އޮންނަ ގޮތުން ދެމަފިރިންގެ ތެރެއިން ފްލެޓަށް އެދި ހުށަހެޅެނީ އެންމެ މީހަކަށެވެ. މީގެ އިތުރުން، ފްލެޓަށް އެދޭ މީހާގެ އިތުރުން އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައިވެސް އިތުރު ބިމެއް ނުވަތަ ގޯއްޗެއް ނެތުމަކީ ސްކީމްތަކުގައި ލާޒިމުކުރާ ޝަރުތެކެވެ.
މިފަދަ ސްކީމްތައް ފަރުމާކޮށްފައި ހުންނަނީ ވަކި ފަރުދަކަށްވުރެ ބޮޑަށް މުޅި އާއިލާއަށް ދޭ ބޯހިޔާވަހިކަމެއްގެ ގޮތުގައި ނަމަވެސް، އަމަލީ ގޮތުން ފްލެޓް ނުވަތަ ގޯތި ރަޖިސްޓްރީ ކުރެވެނީ އެކަމަށް އެދި ހުށަހެޅި އެއް ފަރާތުގެ ނަމުގައެވެ. ނަތީޖާއެއްގެ ގޮތުން، ދެމަފިރިން ވަރިވެ ވަކިވާ ހާލަތްތަކުގައި އެ ތަނަކީ ރަޖިސްޓްރީ އޮތް މީހާގެ އަމިއްލަ މުދަލެއްގެ ގޮތުގައި ބެލެވި، އަނެއް ބައިވެރިޔާއާއި ދަރިން މަގުމަތިވެ ނިކަމެތިވާ ހާލަތްތައް ކުރިމަތިވާކަން މެންބަރު ފާހަގަކުރެއްވިއެވެ.
އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި، ވަރިކުރުމުގެ ކުރިން ދެމަފިރިން އެކުގައި ހޯދާފައިވާ މުދާ އަދުލުވެރިކަމާއެކު ބެހުމުގެ އުސޫލެއް މިހާރުވެސް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ދެމަފިރިންނަށް ވީތީ ދައުލަތުގެ އެކިއެކި ސްކީމްތަކުގެ ދަށުން ލިބޭ ފްލެޓާއި ބިމާއި އެހެނިހެން މުދަލާ މެދު އަމަލުކުރާނެ ވަކި ސާފު ގޮތެއް އެ މާއްދާގައި ބަޔާންކޮށްފައި ނުވާތީ، ގާނޫނީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް ބިލުގައިވެއެވެ.
އެހެންކަމުން ބިލުގައި ހިމަނާފައިވާ މުހިންމު އިސްލާހުތަކުގެ ތެރޭގައި ދެމަފިރިންގެ ތެރެއިން ކޮންމެ މީހެއްގެ ނަމުގައި ލިބިފައިވާ ތަނެއް ރަޖިސްޓްރީކުރެވިފައިވީ ނަމަވެސް، އެއީ އެ އާއިލާއަށް ލިބިފައިވާ ތަނެއްގެ ގޮތުގައި ބަލަންވާނެއެވެ. އަދި އެ ކައިވެންޏަށް ލިބިފައިވާ ދަރިންގެ އިތުރުން، ތަން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތް ނޫން އަނެއް ފަރާތަށްވެސް އެ ތަނުގެ މައްޗަށް ހަމަހަމަ ހައްގު ލިބެންވާނެއެވެ.
ދެމަފިރިންގެ ހަމަހަމަ ހައްގު އޮންނަ މިފަދަ ތަނަކާ މެދު އެ ނޫން ގޮތަކަށް އަމަލުކުރެވޭނީ، ކޯޓުގައި ރަޖިސްޓްރީކޮށްގެން ދެމަފިރިންގެ މެދުގައި އެއް ފަރާތަށް ލިބިފައިވާ ހައްގު ދޫކޮށްލުމަށް ހަދާފައިވާ ރަސްމީ އެއްބަސްވުމަކުން ނުވަތަ ކޯޓަކުން ނެރޭ އަމުރެއްގެ ދަށުން އެކަނިކަމަށް ބިލުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ވަކި މީހެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ފްލެޓާއި، ބިމާއި، ގޯއްޗާއި އެ ނޫންވެސް ދައުލަތުން ދޭ މުދަލާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅާފައި ނުވާނަމަ، އެފަދަ މުދަލަކީ ދެމަފިރިންގެ ހަމަހަމަ ހައްގު އެކުލެވިގެންވާ މުދާ ކަމުގައި ގާނޫނީ ގޮތުން ބަލަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ދައުލަތުން ލިބޭ ތަނެއް ރަޖިސްޓްރީކުރާއިރު، ދެމަފިރިންގެ ތެރެއިން ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް މީހާއަށް އިސްކަންދޭން ވާނެ ކަމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.
