މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ" (ވަރަ އެކްސްޕޯ 2026) ގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެންބަރު މަހުގެ 26 އިން 28 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ އެކި ދާއިރާތަކާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދީ، ވަޒީފާދޭ ފަރާތްތަކާ ސީދާ ބައްދަލުކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. މީގެ އިތުރުން، މި އެކްސްޕޯގެ ތެރެއިން ޒުވާނުންނަށް ބޭނުންތެރި ކެރިއަރ ކައުންސެލިން ސެޝަންތަކާއި، މަސައްކަތު ބައްދަލުވުންތައް ކުރިއަށްދާނެއެވެ. އަދި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާ ބައްދަލުވެ، ގުޅުން ބަދަހިކުރުމުގެ (ނެޓްވޯކިން) ފުރުސަތުތައްވެސް މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެއެވެ.

ވަރަ އެކްސްޕޯ 2026 ގެ ތެރެއިން ބީއެމްއެލްގެ ސްޓޯލުން އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ މައުލޫމާތު ޒުވާނުންނަށް ހިއްސާކުރާނެއެވެ. އަދި މީގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށާއި ހުނަރު އިތުރުކުރުމަށް ބޭންކުން ހިންގާ ތަމްރީނުތަކާ ގުޅޭ މައުލޫމާތުވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި މިއީ ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށާއި، އެ ފަރާތްތަކަށް ވަޒީފާގެ ފަހި ފުރުސަތުތައް ހޯދައިދިނުމަށް އެ ބޭންކުން އަބަދުވެސް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.

ދިވެހި ޒުވާނުންގެ ތައުލީމާއި ހުނަރުވެރިކަން ކުރިއަރުވައި، ވަޒީފާގެ މައިދާނުގައި ކުރިއަށްދިއުމަށް އެހީތެރިވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މީގެ ކުރިން 2025 ވަނަ އަހަރު ބޭއްވި ވަރަ އެކްސްޕޯގެ މެއިން ސްޕޮންސަރެއްގެ ގޮތުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.