މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ އެ މަގާމުން ވަކިކޮށްފިއެވެ.
ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުން ޝިއުނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެ އޮފީހުގެ މުވައްޒަފުން އަމަލުކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުމާ ގުޅިގެންނެވެ. އަދި މި ފިޔަވަޅު އަޅާފައިވަނީ އެ މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށްފަހު، ޖަވާބުދާރީވުމަށް އޭނާއަށް ފުރުސަތު ދިނުމަށްފަހުގައި ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
ޝިއުނާ މަގާމުން ވަކިކުރިއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަނުގައެވެ.
އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ޝިއުނާ، ޕެންޝަން އޮފީހުގެ ކޯޕަރޭޓް އެފެއާޒު ޑިވިޝަންގެ އިސްވެރިއެއްގެ ގޮތުގައި އެ އޮފީހާ ގުޅިވަޑައިގެންނެވީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.
ޕެންޝަން އޮފީހާ ގުޅިވަޑައިގަތުމުގެ ކުރިން ޝިއުނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަމުގެ މަގާމާއި، މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
