ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ 20 މީހަކު ޖަލު ހުކުމުގައި ތިބުމުގެ ބަދަލުގައި ގޭބަންދުގައި ތިބި ސަބަބު ސާފުކުރުމަށްޓަކައި، ކަމާގުޅޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) އިން ޝާއިއުކޮށްފައިވާ ދަފްތަރުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުކުމް ތަންފީޒުކުރަންޖެހޭ 240 މީހުންގެ ތެރެއިން 20 މީހަކު ތިބީ ގޭބަންދުގައި ކަމަށެވެ. މީގެ ތެރެއިން ގިނަ މީހުން މާލޭގައި ގޭބަންދުގައި ތިބިއިރު، އެ މީހުން ބޭރަށް ނުކުމެ ކެފޭ ރެސްޓޯރެންޓުތަކަށް ގޮސް އުޅޭކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވިއެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލުގެ ބަހުސްގައި ވެސް ވާހަކަދައްކަވަމުން ކުޑޫ ވިދާޅުވީ، މިއީ މުޅި މުޖުތަމައާއި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ ނާޒުކު އަދި އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ.

މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އަލިއަޅުއްވާލައްވަމުން ކުޑޫ ފާހަގަކުރެއްވީ، މިފަދަ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކަށް ކަފާލާތު ނުވަތަ ޕެރޯލްގެ އުސޫލެއް ނުހިނގާނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނުގެ މައިގަނޑު މަގުސަދަކީ އެފަދަ ކުށްވެރިން ހުކުމް ފުރިހަމަވަންދެން ޖަލުގައި ބައިތިއްބައިގެން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން، މި މައްސަލައިގެ ގާނޫނީ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ތިރީގައިވާ ކަންކަން ސާފުކޮށްދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ:

  1. އެ 20 މީހުން ޖަލުން ގޭބަންދަށް ބަދަލުކުރީ ކޮން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން، ކޮން ފަރާތެއްގެ ނިންމުމަކުންތޯ ބެލުން.
  2. ގޭބަންދުގައި ތިބުމަށް އެ މީހުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ ކޮބައިކަމާއި، އެ ޝަރުތުތަކަށް އަމަލުކުރޭތޯ ބަލަހައްޓަނީ ކޮން ބައެއްތޯ ދެނެގަތުން.
  3. އެ މީހުން ތިބި ގެތަކާއި ރަށްރަށުގައި ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ކައުންސިލްތަކަށާއި ބެލެނިވެރިންނަށް އެކަން އަންގާފައިވޭތޯ ބެލުން.
  4. އިލެކްޓްރޯނިކް ޓެގް އަޅުވައިގެން އެމީހުން މޮނިޓާކުރެވޭނެ ނިޒާމެއް އޮތްތޯއާއި، އެކަމުގައި ކަމާބެހޭ ވުޒާރާގެ ސިޔާސަތު އޮޅުންފިލުވުން.
  5. އެ މީހުން އަނބުރާ ޖަލަށް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތްތައް ސާފުކުރުން.

ކުޑޫގެ ސިޓީ ނިންމަވާލައްވަމުން ވަނީ، މިއީ މުޖުތަމައުގެ ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކަމަކަށްވާތީ، ވީއެންމެ އަވަހަކަށް މި މައްސަލައަށް ހަރުދަނާ ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ރާއްޖޭގައި ޖިންސީ ކުށްތައް ރިޕޯޓުކުރާ މިންވަރު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.