ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅެ، ވިއްކި ކަމަށް ތުހުމަތުކޮށް ތ. ވިލުފުށި، މޫނިމާގެ، އާދަމް އަދްލާން ލަޠީފްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ދައުވާތައް ކުރިއަށް ނުގެންގޮސް އަނބުރާ ނަގައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މި ދައުވާތައް އަނބުރާ ގެނައީ، މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ފޮނުވި ލިޔުންތަކުގައި ކުށް ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ނެތުމުންކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ.
މި މައްސަލައިގައި އަދްލާންގެ މައްޗަށް މައިގަނޑު ގޮތެއްގައި ކުރެވުނީ ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުމުގެ ތުހުމަތެވެ. ނަމަވެސް، އޭނާ އެފަދަ އެއްޗެއް ވިއްކައި ވިޔަފާރިކުރިކަން، ނުވަތަ އެހެން މީހަކަށް ފޮނުވިކަން އަދި އެފަދަ ނެޓްވޯކަކާ ގުޅުމެއް އޮތްކަން ސާބިތުވާނެ އެއްވެސް ހެއްކެއް ފުލުހުންނަށް ހޯދިފައެއް ނުވެއެވެ. މީގެއިތުރުން ފުލުހުން ހިފެހެއްޓި ގިނަ ޑިވައިސްތަކަށް އޭނާ ޒިންމާ ކުރުވޭނެ ހެއްކެއް ނެތްއިރު، އޭނާއާ ގުޅުވައިލެވުނު ޑިވައިސްތަކުން ފެނުނު ތަކެއްޗަކީ ކުޑަކުދިންގެ އޮރިޔާންކާޑުކަންވެސް ސާބިތުކޮށްދެވިފައެއް ނުވެއެވެ.
ޕީޖީ އޮފީހުން ބުނީ، ފުލުހުން 5 މޭ 2026 ގައި މި މައްސަލަ އެ އޮފީހަށް ފޮނުވުމުން ހެކި ނެތިގެން ފުރަތަމަވެސް ނިންމީ ދައުވާ ނުކުރުމަށެވެ. އެހެންނަމަވެސް، އެ ނިންމުން މުރާޖައާކޮށްދޭން ފުލުހުން އެދުމުން، ދައުވާކުރުމުގެ ގާނޫނީ މުއްދަތު ހަމަވެ ފުރުސަތު ގެއްލިދާނެތީ، 19 މޭ 2026 ގައި ކްރިމިނަލް ކޯޓަށް ދެ ދައުވާއެއް ހުށަހެޅީއެވެ. އެއީ ކޮމްޕިއުޓާ ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދައުވާއާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.
އެހެންނަމަވެސް، މައްސަލަ އަލުން ދިރާސާކުރުމަށްފަހު ޕީޖީން ވަނީ އެ ދައުވާތައް ކޯޓުން އަނބުރާ ނަގާފައެވެ. ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓިކަން ސާބިތުނުވާތީ އެ ދައުވާ ދޫކޮށްލިއިރު، ދެން އޮތް ހަމައެކަނި ދައުވާ ކަމަށްވާ "އޮރިޔާން ކާޑު ގެންގުޅުމުގެ" ކުށަށް އަންނަނީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ކުށަށް ކަނޑައެޅޭނެ އެންމެ ކުޑަ އަދަބަކީ 9 ދުވަހަށް ދުވަހުގެ ޖަލު ހުކުމެކެވެ.
އަދްލާން ތަހުގީގު މަރުހަލާގައި ބަންދުގައި 28 ދުވަސް ހޭދަކޮށްފައިވާތީ، ދައުވާ ސާބިތުވި ނަމަވެސް އިތުރަށް ތަންފީޒުކުރާނެ އަދަބެއް ނޯންނާނެތީ، އެ މައްސަލަ އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތެއް ނެތް ކަމަށް ޕީޖީ އޮފީހުން ވަނީ ނިންމަވާފައެވެ.
