އަޕާ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ދެކުނުގެ ރަށެއްގައި ބަޔަކު ވެގެން 22 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އިދާރާއަށް އިއްޔެ ރިޕޯޓްކޮށްފައިވަާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، އިތުރު ނުރައްކާތެރި ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް (ނާޖާއިޒު ފައިދާ ނެގުން) ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް މި ތަހުގީގުގެ ތެރެއިން ވަނީ ފާހަގަކުރެވިފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް، ހައްޔަރުކުރި މީހާގެ ވަނަވަރެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ މިފަދަ އަނިޔާތަކަކީ މުޖުތަމައުގެ ރައްކާތެރިކަމާ ގުޅިފައިވާ ކަންކަން ކަމަށްވާތީ، ފުލުހުން މި މައްސަލަ ބަލަމުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ. އަދި މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
