މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން، ޒަމާނީ ބަދަލުތަކާއެކު އަލުން ފަރުމާކުރި މެޓް އޮފީހުގެ ރަސްމީ ވެބްސައިޓާއި "މޫސުން" މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް މިއަދު އިފްތިތާހްކޮށްފިއެވެ.

މިއީ ރާއްޖޭގެ އެކި ސަރހައްދުތަކަށް ވަގުތުން ވަގުތަށް ބޭނުންވާ މޫސުމީ މައުލޫމާތާއި ދުރާލައި އިންޒާރުދޭ ނިޒާމުގެ ހިދުމަތްތައް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެއެވެ. މި ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފެވެ.

މި ރަސްމިއްޔާތުގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓާ އިބްރާހީމް މިމްރާހު ވަނީ މި ނިޒާމުގެ ފަންނީ އޮނިގަނޑާއި މޫސުމީ މައުލޫމާތު ދައުރުވާ ގޮތުގެ ތަފުސީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. އަދި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާ ދެއްކެވި ވާހަކަފުޅުގައި، ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމުތައް ފަސޭހައިން ލިބެން ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއޅުއްވާލައްވާ ވާހަކަ ދައްކަވާފައި ވެއެވެ.

މި ޕްލެޓްފޯމްތައް ފަރުމާކޮށްފައިވަނީ މޫސުމީ ސްޓޭޝަންތަކުން ލިބޭ މައުލޫމާތާއި، ހައި-ރިޒޮލިއުޝަން ނިއުމެރިކަލް މޮޑެލްތަކުގެ އިތުރުން ސެޓެލައިޓް ފޮޓޯތައް އެއްކޮށްލައިގެން، ސީދާ ވަކިވަކި ސަރަހައްދުތަކަށް ހާއްސަކޮށްގެން މޫސުން ލަފާކުރެވޭ ގޮތަށެވެ.

މޫސުން އެޕްލިކޭޝަން އެޕް ސްޓޯ އަދި ޕްލޭ ސްޓޯއިން މިހާރު ލިބޭނެ

މި ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް އާންމު ރައްޔިތުންނަށާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް، އަދި އެކި ހަފުލާތައް އިންތިޒާމުކުރާ ފަރާތްތަކަށް ވަގުތުން ވަގުތަށް މޫސުމީ ހާލަތު ދެނެގަނެވޭނެއެވެ. މީގެ އިތުރުން ދިޔަވަރުގެ ތާވަލުތަކާއި ކަނޑުގެ ހާލަތު އަދި މޫސުމީ ކުއްލި އިންޒާރުތަކުގެ ނޮޓިފިކޭޝަންތައް ވެސް ވަގުތުން ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

"ތައްޔާރު ޕްރޮޖެކްޓް" އަކީ ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކޮށް، މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއީ ޔޫއެންޑީޕީ އަދި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އާއި، ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސައުތު-ސައުތު ކޯޕަރޭޝަން ފަންޑު (ޖީޑީއެފް) މެދުވެރިކޮށް ޗައިނާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ހިންގާ މަޝްރޫއެކެވެ.

މެޓް އޮފީހުގެ އައު ވެބްސައިޓުގެ ހިދުމަތް މިއަދުން ފެށިގެން އާންމުންނަށް ލިބެމުންދާއިރު، އަލުން ފަރުމާކުރެވިފައިވާ "މޫސުން" އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.