ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުން ކެންސަލްކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ހައިކޯޓުގައި ރަޖިސްޓްރީކުރި މި އިސްތިއުނާފު މައްސަލައިގެ އަޑުއެހުން މިއަދު މެންދުރު 1:15 އަށް ތާވަލުކޮށްފައި އޮތް ނަމަވެސް، އެ އަޑުއެހުން ކެންސަލްކޮށްފައިވަނީ އިދާރީ ސަބަބުތަކަކާ ހުރެ ކަމަށް ހައިކޯޓުން މައުލޫމާތު ދެއެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށްފައިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާކަން އިއުލާންކޮށް ކެމްޕޭން ހަރަކާތްތައް ފައްޓާފައި ވަނިކޮށެވެ.

ޝާހިދުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިތާ ހަފްތާއެއްހާ ދުވަސް ފަހުން މިއަދު ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވީ ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ މައްސަލަތަކަކީ އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދާ މައްސަލަތަކަކަށް ވާތީ، މިކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.