މި އަހަރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން 2026ގެ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި އަދި ކުލަގަދަ ދުވުން އޮންނާނީ ޑިސެމްބަރު 11 ވަނަ ދުވަހުކަމަށެވެ. އުރީދޫއިން ބުނީ 5 ކިލޯމީޓަރުގެ މި ދުވުމުގައި އުމުރުން 6 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެކަމަށެވެ.
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ނޫނީ ނަށަމުން ވެސް މި ދުވުން ނިންމާލެވިދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ އިން ބުނީ ފަންރަންގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި، މިޔުޒިކް ޝޯ ވެސް ހިމެނޭކަމަށެވެ. އެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ ޑިސެމްބަރު 10 ވަނަ ދުވަހު 16:00 އިން 18:00 އަށްކަމަށާއި، މިއީ ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ މަޖާ ހަރަކާތްތަކެއް ހިމެނޭ ހަވީރެއްކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫއިން ބުނީ މިޔުޒިކް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަމަ އެރޭ 20:00 އިން 23:59 އަށް ކަމަށާއި، މި ޝޯގައި ރާއްޖޭގެ މަގުބޫލު ބޭންޑްތަކުގެ ހުށަހެޅުން ފެނިގެންދާނެކަމަށެވެ.
ފަންރަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 11 ވަނަ ދުވަހު 15:45 އިން 18:00 އަށްކަމަށާއި، ކޮންމެ ކިލޯމީޓަރެއްގައި އިންފްލޭޓަބަލް ތަކާއި، ކުލަޖެހުމުގެ އިތުރުން، ފޯމް ޕާޓީ އާއި، ލަކީ ޑްރޯ އަދި ކާބޯތަކެތީގެ ސްޓޯލްތައް ހިމެނޭކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫއިން ބުނީ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދެ ކިޓެއްގެ ތެރެއިން ބޭނުންވާ ކިޓެއް އިހުތިޔާރު ކުރެވޭނެކަމަށެވެ. އެއީ:
-
ފަން ކިޓް - (210 ރުފިޔާ): މި ކިޓްގައި ފަން ރަން ޓީޝާޓް، މަލްޓިޕާޕަސް ބަންޑާނާ، ދަބަސް އަދި އައިގްލާސް ހިމެނޭ.
-
31 އޮކްޓޫބަރު 2026 ގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެއްވެސް އިތުރު އަގަކާ ނުލައި ބިބްގައި ބައިވެރިން ބޭނުންވާ ނަމެއް ޖެހުމުގެ ފުރުސަތު ލިބޭ
-
ސްޓޭންޑަޑް ކިޓް - (110 ރުފިޔާ): ފަން ރަން ޓީޝާޓް، މަލްޓިޕާޕަސް ބަންޑާނާ އަދި ބިބް ހިމެނޭ
އުރީދޫއިން ބުނީ ފަން ރަން 2026 ގައި ރަޖިސްޓްރީވުމުގެ ފުރުސަތު، 7 ނޮވެމްބަރު 2026 ގެ 23:59 އާ ހަމައަށް ހުޅުވާލެވިފައިވާކަމަށާއި، ވީހާވެސް އަވަހަށް ރަންގައި ރަޖިސްޓްރީވުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާކަމަށެވެ.
މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި 7،500 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
