ޖުމްލަ 30،000 ރުފިޔާގެ ފައިސާގެ އިނާމާއެކު، އުރީދޫ ނޭޝަން އިން އިންތިޒާމުކުރާ "އިންޓާ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ކުންފުނިތަކަށާއި އޮފީސްތަކަށް ހުޅުވާލައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން މައުލޫމާތު ދޭ ގޮތުގައި، މި މުބާރާތަކީ ރާއްޖޭގެ އެކި އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ވާދަވެރި އަދި މަޖާ މާހައުލެއްގައި އީ-ސްޕޯޓްސްގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. މީގެއިތުރުން މިއީ ރާއްޖޭގައި އީ-ސްޕޯޓްސްގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށާއި، ޒަމާނީ މުނިފޫހިފިލުވުމުގެ ތެރެއިން މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ތިން ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް އަދި އީއޭއެފްސީ ހިމަނާފައިވާ އިރު، ކޮންމެ ގޭމަކަށް 10،000 ރުފިޔާގެ މަގުން ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ.
މުބާރާތުގެ ތާވަލު އަދި ރަޖިސްޓްރީވުމުގެ މުއްދަތު:
- މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އޮންލައިންކޮށް): މި ގޭމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 23 އޮކްޓޫބަރުގެ ރޭގަނޑު 23:59 އެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޫބަރުގެ ރޭގަނޑު 20:00 ގައެވެ.
- ޕަބްޖީ މޮބައިލް (އޮންލައިންކޮށް): ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 25 އޮކްޓޫބަރުގެ ރޭގަނޑު 23:59 އެވެ. މުބާރާތް ފެށޭނީ 30 އޮކްޓޫބަރުގެ ރޭގަނޑު 20:00 ގައެވެ.
- އީއޭއެފްސީ (ލޭން އިވެންޓް): މި ގޭމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 1 ނޮވެމްބަރުގެ ރޭގަނޑު 23:59 އެވެ. މި އިވެންޓް އޮންނާނީ 6 ނޮވެމްބަރުގެ ހަވީރު 16:00 ގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގައެވެ.
ފައިސާގެ އިނާމު ބެހިފައިވާ ގޮތް:
- ޕަބްޖީ މޮބައިލް: 1 ވަނަ އަށް 5،000 ރުފިޔާ، 2 ވަނަ އަށް 3،000 ރުފިޔާ، 3 ވަނަ އަށް 1،500 ރުފިޔާ އަދި އެންމެ މޮޅު ކުޅުންތެރިޔާއަށް 500 ރުފިޔާ.
- މޮބައިލް ލެޖެންޑްސް: 1 ވަނަ އަށް 5،000 ރުފިޔާ، 2 ވަނަ އަށް 3،000 ރުފިޔާ، 3 ވަނަ އަށް 1،500 ރުފިޔާ އަދި އެންމެ މޮޅު ކުޅުންތެރިޔާއަށް 500 ރުފިޔާ.
- އީއޭއެފްސީ: 1 ވަނަ އަށް 5،000 ރުފިޔާ، 2 ވަނަ އަށް 3،000 ރުފިޔާ އަދި 3 ވަނަ އަށް 2،000 ރުފިޔާ.
މި މުބާރާތުގައި ކޮންމެ މުއައްސަސާއަކަށް ނުވަތަ ކުންފުންޏަކަށް ވެސް އެއް ޓީމަށްވުރެ ގިނަ ޓީމު ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ނަމަވެސް، މުބާރާތުގައި ބައިވެރިވާ މުވައްޒަފުންނަކީ އެ އޮފީހެއްގައި މަދުވެގެން 6 މަސްދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުން ކަމުގައި ވާންޖެހޭނެއެވެ.
ޓީމުތައް އެކުލަވާލުމުގައި ޕަބްޖީ މޮބައިލް ޓީމެއްގައި ހިމެނޭ 6 ކުޅުންތެރިންގެ ތެރެއިން މަދުވެގެން 4 ކުޅުންތެރިންނަކީ އެ އޮފީހެއްގެ މުވައްޒަފުންނަށް ވާންޖެހޭއިރު، އަނެއް 2 ކުޅުންތެރިންނަކީ ބޭރުން ބައިވެރިކުރެވިދާނެ ކުޅުންތެރިންނެވެ. މޮބައިލް ލެޖެންޑްސްގެ 7 ކުޅުންތެރިންގެ ތެރެއިން 5 ކުޅުންތެރިންނަކީ މުވައްޒަފުންނަށް ވާންޖެހޭއިރު، ބާކީ 2 ކުޅުންތެރިން ބޭރުން ހިމެނިދާނެއެވެ. ވަކިވަކި ކުޅުންތެރިންގެ މެދުގައި ކުރިއަށްދާ އީއޭއެފްސީ މުބާރާތުގައި ވާދަކުރެވޭނީ ހަމައެކަނި އެ އޮފީހެއްގެ ރަސްމީ މުވައްޒަފުންނަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ކުންފުނިތަކަށާއި އޮފީސްތަކަށް އުރީދޫ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
