މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޕެންޝަން ފަންޑުގައި ހުރި މިންވަރު 30.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމްގައި 204،549 މީހުން ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހާމަކޮށްފިއެވެ.
މިއަދު ފެށި މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގައި ވާހަކަފުޅު ދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ވިދާޅުވީ، ޕެންޝަން އޮފީހުގެ ޑޭޓާ ޕޯޓަލްގައި ޝާއިއުކޮށްފައިވާ ސެޕްޓެމްބަރު 30 ގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަންޑުގެ ދަށުން މެނޭޖްކުރާ އެސެޓްސް 30 ބިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. މީގެ އިތުރުން، ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި އެ ފަންޑުން ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 16.8 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ސަރުކާރުން ދޫކުރާ ޕެންޝަންގެ ގޮތުގައި 158 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕެންޝަން ފަންޑު ދިގު މުއްދަތަކަށް ކުރިއަރުވައި މެންބަރުންގެ ރިޓަޔަމަންޓް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމުގެ އިގްތިސާދު ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ޔަޒްމީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ޕެންޝަން އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ޑައިވާސިފައިކޮށް، ހިރާސްތައް ވަޒަންކުރެވިފައިވާ، މާލީ ގޮތުން ފައިދާ ހުރި އަދި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ޕޯޓްފޯލިއޯއެއް އެކުލަވައިލުމަށް ކަމަށް ވިދާޅުވިއެވެ.
މި އަހަރު ބާއްވާ 13 ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ޕެންޝަން އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ބާއްވާ ފޯރަމެކެވެ. "ގްރީން ފައިނޭންސް: އަންލޮކިން ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ފޯރަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މާލީ ދާއިރާއިން އެޅިދާނެ ފިޔަވަޅުތަކަށެވެ.
2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ފޯރަމްގައި މާލީ ދާއިރާގެ އިދާރާތަކާ، ބޭންކުތަކާ، އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އަމިއްލަ ވިޔަފާރިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
