މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކުރާ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ގެ ހަތަރުވަނަ އެޑިޝަން ހދ. ހަނިމާދޫގައި ބާއްވައިފިއެވެ.

މި ހިނގާލުން ކުރިއަށްދިޔައީ މިއަދުއެވެ. މިއީ މާލީ ކަންކަމަށް މީހުން އަހުލުވެރިކުރުވުމާއި، ދުޅަހެޔޮ ދިރިއުޅުމެއް އާދަކުރުމަށް ބާރުއެޅުމުގެ މަގްސަދުގައި، ކުޑަކުދިންނާއި، ޒުވާނުން އަދި ދޮށީއުމުރުގެ މީހުން އެއްތަނަކަށް ޖަމާކޮށްގެން ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތެކެވެ.

ހަނިމާދޫ ކައުންސިލާ ގުޅިގެން ބޭއްވި މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ، ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުމުގެ އިތުރުން ރިޓަޔަމަންޓަށް ތައްޔާރުވުމާ ގުޅޭގޮތުން އާއިލާތަކުގެ އެތެރޭގައި ވާހަކަދެކެވޭނެ މާހައުލެއް ގާއިމުކުރުމެވެ. މީގެއިތުރުން އާއިލާތަކާއި މުޅި މުޖުތަމައު އެކުވެރިކަމާއެކު އެއްތަނަކަށް އެއްވެ، އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް މި އިވެންޓުގެ މުހިންމު މަގްސަދެކެވެ.

3ޖެން ވޯކްގެ 4 ވަނަ އެޑިޝަން ހަނިމާދޫގައި / ފޮޓޯ: ޕެންޝަން އޮފީސް

މި އިވެންޓުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ބަޔަކީ 1 ކިލޯމީޓަރުގެ ރަމްޒީ ހިނގާލުންކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފައިވެއެވެ. އެކި ޖީލުތަކުގެ މީހުން އެކުގައި ބައިވެރިވި މި ހިނގާލުމުން ރަމްޒުކޮށްދިނީ، މާލީ ގޮތުން ރައްކާތެރި އަދި ތަނަވަސް މުސްތަގުބަލެއް ބިނާކުރުމަކީ ދިރިއުޅުމުގެ ވަކި މަރުހަލާއަކަށް އެކަނި ހާއްސަވެފައިވާ ކަމެއް ނޫންކަމެވެ. އަދި އެއީ ޅައުމުރުން ފެށިގެން ދޮށީއުމުރާ ހަމައަށް މުޅި އުމުރުދުވަހަށް ދެމިގެންދާ ދަތުރެއްކަމެވެ. "3ޖެން ވޯކް" އަށް ހާއްސަ ޓީޝާޓުތަކުގައާއި މާލީ ހޭލުންތެރިކަމުގެ މުހިންމު މެސެޖުތައް ހިމެނޭ ބޯޑުތަކާއެކު، ހަނިމާދޫގެ އާބާދީގެ ގިނަ އަދަދެއްގެ ރައްޔިތުން މި ހިނގާލުމުގައި ބައިވެރިވިކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

3ޖެން ވޯކްގެ 4 ވަނަ އެޑިޝަން ގެ ތެރެއިން ކުރިއަށްދިޔަ އާއިލީ ހަވީރު / ފޮޓޯ: ޕެންޝަން އޮފީސް

ހިނގާލުމަށްފަހު، މައުލޫމާތު ދިނުމުގެ ސްޓޯލްތަކާއި، ކުޅިވަރުތަކާއި، ތަފާތު ހަރަކާތްތަކުގެ އިތުރުން ކާބޯތަކެތި ހިމެނޭ ފޯރިގަދަ އާއިލީ ހަވީރެއް ވެސް ވަނީ ބާއްވާފައެވެ. ޕެންޝަން އޮފީހާއި ހަނިމާދޫގައި ހަރަކާތްތެރިވާ އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދިޔަ މި ހަވީރަކީ، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެހެން ފަރުމާކުރެވުނު، އަދި މުޖުތަމަޢުގައާއި އާއިލާގެ ތެރޭގައި ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ފަހިވެގެންދިޔަ ހަވީރެކެވެ.

3ޖެން ވޯކްގެ 4 ވަނަ އެޑިޝަން ގެ ތެރެއިން ކުރިއަށްދިޔަ އާއިލީ ހަވީރު / ފޮޓޯ: ޕެންޝަން އޮފީސް

"3ޖެން ވޯކް" އަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ، ޖީލުތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ އުފާވެރި މާހައުލެއްގެ ތެރެއިން، ވިސްނުންތެރި މާލީ ނިންމުންތައް ނިންމަން ދަސްކޮށްދީ، މުސްތަގުބަލުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުންނަށް އެހީތެރިވެދިނުމެވެ.