ދޮންބަންޑާރައިންގެ މަތިވެރި ގުރުބާނީން ފިލާވަޅު ލިބިގަނެ، ސިޔާސީ ޖަޒުބާތުތަކަށްވުރެ ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާ، މީސްމީޑިއާގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައެވެ.
މި މެސެޖުގައި ރައީސް ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްލާމްދީނުގެ ހައްގުގައި މަލާބާރީންނާ ދެކޮޅަށް ހިތްވަރުގަދަ ޖިހާދެއް ކުރެއްވި ގައުމީ ބަތަލު، އައްސުލްތާނުލްޣާޒީ ހަސަން އިއްޒުއްދީން (1ވަނަ) ނުވަތަ ދޮންބަންޑާރައިންގެ މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރައްވާ، އެމަނިކުފާނަށް ސުވަރުގޭގެ ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާކުރައްވާފައެވެ.
ހުރަވީ ދުވަހުގެ ތާރީހީ ހާދިސާއަށް ގާތްގަނޑަކަށް ތިން ގަރުނު ފުރެން ކައިރިވަމުން އަންނަކަން ފާހަގަކުރައްވާ، މިއަދު ދުނިޔޭގެ މަސްރަހު ހިނގާގޮތާއި، މި ޒަމާނުގައި ގައުމުގެ މިނިވަންކަން ދިފާއުކުރަންޖެހޭ ގޮތާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތާރީހުން ފިލާވަޅު ލިބިގަނެ މުސްތަގުބަލު އުޖާލާކުރުމަށް ޓަކައި، ސިޔާސީ ޖަޒުބާތުތަކުގެ ކުރިއަށް ގައުމީ އިހުލާސްތެރިކަން ނެރެ، ޒާތީ އަރާރުންތަކުގެ ކުރިއަށް ޖަމާއަތުގެ ބާއްޖަވެރިކަން އިސްކުރަންޖެހިފައިވާ ކަމަށެވެ.
ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ބަދަލުގައި ގައުމީ ސަލާމަތާއި ރައްޔިތުންގެ ފުދުންތެރިކަމަށް ޖާގަދިނުމަށް ގޮވާލައްވާ، ދަރަނީގެ އަޅުވެތިކަމުގައި ފަނާވުމުގެ ބަދަލުގައި ފުދުންތެރިކަމުގެ ފާގަތި މުސްތަގުބަލަކަށް އަމާޒުހިފުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ހިޖުރީ ގޮތުން ޖުމާދަލްއާހިރާ މަހުގެ 3 ވަނަ ދުވަހެވެ. މި ދުވަސް ނިސްބަތްވަނީ ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާހިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭ (މީލާދީން 1753 ވަނަ އަހަރު)، މަލާބާރީން ނުވަތަ ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރެއްވުމަށް ދޮންބަންޑާރައިން ކުރެއްވި ހިތްވަރުގަދަ ޖިހާދަށެވެ.
މި ތާރީހީ ހާދިސާގައި މަލާބާރީން މާލެ ހިފާ، އޭރުގެ ރަދުން އައްސުލްތާނުލް މުކައްރަމް މުހައްމަދު އިމާދުއްދީން (3ވަނަ) އަސީރެއްގެ ގޮތުގައި ގެންގޮސް، މާލޭގައި ވެރިކަން ހިންގަމުން ދަނިކޮށް، މުލީގޭ ދޮންޙަސަން މަނިކުފާނު (ދޮންބަންޑާރައިން) އިސްވެ ހުންނަވައި ދިވެހިންގެ ލަޝްކަރަކާއެކު ދެއްވި ކުއްލި ހަމަލާއެއްގައި ހޮޅީން ބަލިކުރައްވައި ގައުމަށް މިނިވަންކަން ހޯއްދަވައިދެއްވިއެވެ.
ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ހުރަވީ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުން ފެށިގެންނެވެ.
