ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން، އެ ބަލިން ރައްކާތެރިވުމަށްޓަކައި ދުރާލާ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ" މިއެވެ.

ރާއްޖޭގެ ސިއްހީ ހާލަތަށް ބަލާއިރު، އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 ޕަސެންޓް މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. އަދި އޭގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ހަކުރުބައްޔެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ އޮކްޓޯބަރު 30 އާ ހަމައަށް އެއްކުރެވުނު ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ޓައިޕް 1 ޑައިބެޓީސް ހުރި 300 މީހުންނާއި، ޓައިޕް 2 ޑައިބެޓީސް ހުރި 7000 މީހުން ފަރުވާ ހޯދަމުންދެއެވެ. މީގެއިތުރުން މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 250 މީހުން ފަރުވާ ހޯދައެވެ.

ހަކުރުބައްޔަކީ ލޭގައި ހަކުރު ހުންނަންވާ މިންވަރަށް ވުރެ އިތުރުވުމުން ދިމާވާ މައްސަލައެކެވެ. ޓައިޕް 1 ޑައިބެޓީސްއަކީ ހަށިގަނޑުން ބޭނުންވާ ވަރަށް އިންސިއުލިން ނުއުފެއްދުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. އަދި ޓައިޕް 2 ޑައިބެޓީސްއަކީ ހަށިގަނޑު މާބޮޑަށް ފަލަވުމާއި، ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން، އުފައްދާ އިންސިއުލިން ހަށިގަނޑަށް އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރެވުމުން ޖެހޭ ބައްޔެކެވެ. ރާއްޖޭގައި ކުރެވުނު ސްޓެޕް ސާރވޭގެ ނަތީޖާއަށް ބަލާއިރު، 35.6 ޕަސެންޓް ފިރިހެނުން އަދި 7.6 ޕަސެންޓް އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އަދި ބައެއް ކުދިން އުމުރުން އެންމެ 8 އަހަރުގައިވެސް ދުންފަތުގެ އިސްތިއުމާލުކުރަން ފަށާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ މި ބައްޔަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި މިންހެޔޮ ކާނާ ބޭނުން ކުރުމަށާއި، ކެއުމުގެ ވަގުތުތަކަށް ސަމާލުވުމަށާއި، ގަވާއިދުން ކަސްރަތުކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުމުގެ އިތުރުން، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ނުވަތަ އާއިލާގައި މި ބަލި ހުރިނަމަ ދުރާލާ ޓެސްޓު ހެދުމަށް ވެސް ވަނީ އެދިފައެވެ. މީގެއިތުރުން ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކުން ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ޓެސްޓުތައް ހަދައި ބަލި ކޮންޓްރޯލްކުރުން މުހިންމެވެ.

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ "ނެޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031" ގެ ދަށުން، ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތްތައް ފުޅާކޮށް، ދުރާލާ ބަލި ދެނެގަތުމުގެ ސްކްރީނިންގްތައް މިހާރުވެސް ދަނީ ހަރުދަނާކުރެވެމުންނެވެ.

މި އަހަރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން 'ޑައެބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް' ތަޢާރަފް ކުރުމާއި، އެޗްޕީއޭ އާއި މޯލްޑިވްސް ޑައިބެޓީސް ސޮސައިޓީ ގުޅިގެން "މޯލްޑިވްސް ސްވިމްސް ފޯ ޑައިބެޓީސް" ގެ ނަމުގައި ފެތުމުގެ ޚާއްސަ ހަރަކާތެއް މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާނެއެވެ. އަދި ނޮވެމްބަރު 16 ގައި "އާލީ އެކްޝަން އޮން ޑައިބެޓީސް" ފޯރަމް ބޭއްވުމުގެ އިތުރުން، ނޭޝަނަލް ޑައިބެޓީސް ސެންޓަރާ ގުޅިގެން ރ. އަތޮޅުގައި ސްކްރީނިން އަދި ހޭލުންތެރިކުރުމުގެ އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.