އަލަށް ގެދޮރު ގަތުމަށާއި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި ދޫކުރުމަށް، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 750 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

މިކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު، ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުންނެވެ.

ބަޖެޓު ބަޔާން އިއްވަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މި ސަރުކާރުން އަބަދުވެސް އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ދެކެނީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި އިޖުތިމާއީ ތަކުލީފުތަކަށް ހަރުދަނާ އަދި ދާއިމީ ހައްލުތަކެއް ހޯދައިދިނުން ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ޒަމާންވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށް ވުމާއެކު، މި ދަތިކަމަށް ދާއިމީ ނިމުމެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަން އިތުރުކުރުމުގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން 2027 ވަނަ އަހަރުގެ ބަޖެޓުގައި މިކަމަށް ހާއްސަކޮށް 3 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށާއި، މީގެ ސަބަބުން މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ވަށާޖެހޭ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އަމިއްލަ ބިން އޮވެމެ، އެ ބިމުގައި ގެދޮރު ބިނާކުރާނެ މާލީ ތަނަވަސްކަން ނެތް ރައްޔިތުންތަކެއް ތިބިކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓުގައި އަލަށް ގެދޮރު ގަތުމަށާއި އިމާރާތްކުރުމަށް ދޫކުރާ ހާއްސަ ލޯނުތަކުގެ އިކުއިޓީ ހަމަޖެއްސުމަށް 750 މިލިއަން ރުފިޔާ ކަނޑައެޅިގެން ދިޔުމަކީ، އެތައް އާއިލާއެއްގެ އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަގުފަހިވާނެ ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ރަށްރަށުގައިވާ ހުސްބިންތަކުގައި ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ގާއިމުކޮށް، ދިރިއުޅުމަށް ފަހި ވެއްޓަކަށް ހެދުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.