ތަކުރާރުކޮށް މިސްކިތްތަކަށް ގެއްލުންދޭ މައްސަލައިގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލި ނައުޝާދު މޫސާ އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ މިފަހަރު ހައްޔަރުކޮށްފައި ވަނީ މާލޭގެ މިސްކިތެއްގައި އަންހެނަކު ނަމާދަށް ހުއްޓައި އެ މީހާގެ ކުރިމަތީ ބޭއަދަބީ އަމަލުތައް ހިންގުމުގެ ތުހުމަތުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނައުޝާދު ވަނީ އިއްޔެ ހެނދުނު ފުރުގާން މިސްކިތުގައި ލުހާ ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީ ބަރަހަނާވެ އަމިއްލައަށް އެދުން ފުއްދާފައެވެ. އަދި އެފަދަ ކަމެއް އޭނާގެ ފަރާތުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އަޅަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް އޭނާ ވަނީ މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ހައްޔރުކޮށްފައެވެ. އަދި ހަމަ އެހެންމެ މިސްކިތުގައި ހުރި ހަތިމުތައް އުކާލައި އެ މިސްކިތަށް ގެއްލުންދީ އަދި ކަރަންޓު ބޯޑުތަކެއް ހަލާކުކޮށްލި މައްސަލަގައި ވެސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
މިފަދަ މައްސަލަތަކުގައި ނައުޝާދުގެ މައްޗަށް ކުށް ސާބިތުވެ، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން، އޭނާ ބަންދުގައި އެއް މަހާއި 21 ދުވަސް ހޭދަކޮށްފައިވާތީ، އެ މުއްދަތު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން އޭރު ވަނީ ކަނޑައަޅާފައެވެ.
