މާލޭގެ މާވެޔޮމަގުގައި ހުރި ކެފޭއެއްގެ ތެރޭގައި ހުއްދަނޫން ގޮތުގައި ދެ މީހަކު ހިފަހައްޓައި، އެ މީހުންނަށް އަނިޔާކޮށް ބިރުދެއްކި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އިއްޔެ ހިނގި މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، މާވެޔޮމަގުގައި ހިންގަމުންދިޔަ ކެފޭއެއްގެ ތެރޭގައި ދެ މީހަކު އެމީހުންގެ ނުރުހުމުގައި ހިފަހައްޓައި، މާރާމާރީ ހިންގުމުގެ އިތުރުން އެ ދެ މީހުންނަށް އަނިޔާކޮށް، ބިރުދައްކާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ / ޒެނިތު، އައިހަމް އާދިލް (24އ)ގއ. މާމެންދޫ / އިފަން، އިފްހާމް އަހްމަދު (19އ)ކ. ކާށިދޫ / ދުންތަރި، މުހައްމަދު ޝުނާން (21އ) އެވެ.
އެ ތިން މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި އިފްހާމްގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ވަނީ ކެފޭއެއްގެ ތެރޭ ބަޔަކު ހިފަހައްޓާ، އެ މީހުން ފޯނު ނުދީފި ނަމަ، ބިއްލޫރިފުޅިއަކުން ޖަހާނެ ކަމަށް ބުނެ ބިރުދައްކާފައެވެ. އަދި ތިން ގަޑިއިރު ވަންދެން އެ މީހުން ހިފަހައްޓާ އަނިޔާ ލިބުނު މީހާގެ ގަދަރާއި އަބުރަށް އުނިކަން އަންނާނެ ގޮތަށް މީހުންގެ ކުރިމަތީގައި ފޯނުން ވީޑިއޯކޮށްފައިވާ ކަމަށް ވެސް ކޯޓުން އަމުރުގައި ވަނީ ބުނެފައެވެ.
