ސެންޓްރަލް ޕޮލިސް ސަރަހައްދުގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، ގިނަ ކުޑަކުދިންތަކެއް ހިމެނޭ މި މައްސަލަ ބަލަމުން އަންނަނީ ކަމާބެހޭ އެހެނިހެން އިދާރާތަކާ ވެސް ގުޅިގެން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ދަރިވަރަށް މީސްމީޑިއާގެ މަންސައެއް ކަމަށްވާ ޓިކްޓޮކް މެދުވެރިކޮށް ދަނީ ބޮޑެތި ފުރައްސާރަތަކެއް ކުރަމުންނެވެ. އެގޮތުން އެ ކުއްޖާގެ ފޮޓޯ ބޭނުންކޮށްގެން ވީޑިއޯތައް ހަދައި، އެކި ކަހަލަ އިންޒާރުތައް ދީފައިވާ ކަމަށް ވެއެވެ. މި މައްސަލައާ ގުޅިގެން މިކަމަށް އެކަށީގެންވާ ފިޔަވަޅެއް ސްކޫލުން އަދި ކަމާބެހޭ އިދާރާތަކުން އަޅަމުން ނުދާ ކަމަށް ބުނެ، އާންމުންގެ ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އާންމުންގެ ފާޑުކިޔުން ސީދާ އެ ސްކޫލުގެ ޕްރިންސިޕަލަށް އަމާޒުވުމާ ގުޅިގެން، ޕްރިންސިޕަލް ވަނީ ފޭސްބުކް މެދުވެރިކޮށް އެކަމަށް ރައްދުވެސް ދީފައެވެ.
ޕްރިންސިޕަލް ބުނީ އެ މައްސަލައަކީ އޭނާގެ ދަރިވަރަކަށް، ސްކޫލުގައި މިހާރު ނޫޅޭ ކުއްޖަކު ބުލީ ކުރަމުންދާ މައްސަލައެއް ކަމަށާއި، އެއީ ގާތްގަނޑަކަށް ދޮޅު އަހަރު ވެފައިވާ މައްސަލައެއް ކަމަށެވެ. އަދި އޭނާ މީގެ ހަތަރު މަސް ކުރިން ސްކޫލާ ހަވާލުވެ، އެ މައްސަލަ އަލުން ބަލަން ފަށާފައިވާ ކަމަށާއި، މިހާރުވެސް ތަހުގީގީ އިދާރާތަކުން އެކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.
މީގެއިތުރުން، ހަގީގަތް އޮޅޭގޮތަށް ވާހަކަ ނުފެތުރުމަށް އެދެމުން ޕްރިންސިޕަލް ބުނީ "މައުލޫމާތު ހޯދާލަން ގުޅާލިނަމަ މައުލޫމާތު ލިބުނީސް، ކަމެއްވާހާ ފަހަރަކު ޒާތީ ދިރިއުޅުމާ ބެހޭއެއްޗެއް ނޫން" ކަމަށެވެ.
ކުޑަކުދިންނަށް އިންޓަނެޓްގެ ޒަރީއާއިން ކުރާ މިފަދަ ބުލީކުރުމާއި ފުރައްސާރައިގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ، އެފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ބެލެނިވެރިންނާއި ސްކޫލުތަކުން މަސައްކަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.
