ބަންގްލަދޭޝްގެ ފުލުހުން ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްގެން، މަގާމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސަޕޯޓަރުން ބޭއްވި މުޒާހަރާ ރޫޅާލައިފިއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަސީނާ އެ ގައުމަށް އެނބުރި ވަޑައިގަތުމަށް ގޮވާލައި މުޅި ގައުމުގައި ފެށި މި މުޒާހަރާތަކަކީ، އޮގަސްޓް 2024 ގައި އޭނާގެ ވެރިކަމާ ދެކޮޅަށް އުފެދުނު ބޮޑު އުތުރިއެރުމަކަށް ފަހު މަގާމުން ދުރުކުރި ފަހުން އޭނާގެ ސަޕޯޓަރުން އިންތިޒާމުވެގެން ބާރު ދައްކާލުމަށް ބޭއްވި ފުރަތަމަ އެއްވުންތަކެވެ. ހަސީނާގެ އަވާމީ ލީގު ޕާޓީގެ މަނާކޮށްފައިވާ ދަރިވަރުންގެ ގޮފި ކަމަށްވާ ބަންގްލަދޭޝް ޗާޓްރާ ލީގު (ބީސީއެލް) އިން މި މުޒާހަރާތައް ފެށީ، އިންޑިއާގައި ހުންނެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ޕާސްޕޯޓަކަށް އެދިވަޑައިގެންފައިވާ ކަމަށް ހަސީނާ ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ.

މި އެއްވުންތަކުގެ ތެރެއިން ގޯޕާލްގަންޖް ޑިސްޓްރިކްޓުގައި ބީސީއެލްގެ މެންބަރުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ފުލުހުންގެ އުޅަނދެއްގައި ވަނީ ރޯކޮށްލާފައެވެ. އަދި ފަރީދްޕޫރު ސިޓީގައި ބަޔަކު ފަސިންޖަރުން އުފުލާ ބަހެއްގައި ރޯކޮށްލުމުގެ ސަބަބުން ދުމުގެ އަސަރުކޮށްގެން 60 އަހަރުގެ ބަސް ޑްރައިވަރަކު މަރުވެފައިވާ ކަމަށާއި، މުޒާހަރާއާ ދިމާކޮށް އެކި ސަރަހައްދުތަކުގައި ފަސިންޖަރުން އުފުލާ އިތުރު އުޅަނދުތަކެއްގައި ރޯކޮށް، ޓަޔަރު އަންދައިގެން މަގުތައް ބަންދުކުރަން އުޅުމުން ދަތުރުފަތުރަށް ބުރޫއެރި ކަމަށް ބީބީސީން އިއްޔެ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ވެރިރަށް ދާކާއާއި ހުޅަނގު ދެކުނު ސަރަހައްދު ގުޅުވައިދޭ 6.2 ކިލޯމީޓަރުގެ ޕަދްމާ ބްރިޖް މަތިން ގާތްގަނޑަކަށް 200 މީހުން ވަގުތީ ގޮތުން ޓްރެފިކް ބަންދުކުރިއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ވިދާޅުވީ، އިންޑިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ރާވާ ރޭވުންތަކުން ގައުމުގެ ގާނޫނާއި ގަވާއިދު ނަގާލައި ހަމަނުޖެހުން އުފެއްދުމަށް ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށެވެ.

އިންސާނިއްޔަތާ ހިލާފު ކުށްތަކެއް ސާބިތުވެ، ބަންގްލަދޭޝްގެ ހާއްސަ ޓްރައިބިއުނަލަކުން މިދިޔަ އަހަރު ހަސީނާގެ ގާއިބުގައި ވަނީ މަރުގެ ހުކުމް އިއްވާފައެވެ. އެ ހުކުމް އޮތް ނަމަވެސް އަންނަ ޑިސެންބަރު މަހު ގައުމަށް އެނބުރި ވަޑައިގަތުމަށް ނިއު ދިއްލީގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުގައި ޕާސްޕޯޓަކަށް ހަސީނާ އެދިވަޑައިގަތުމުން، ސަރުކާރުން ވަނީ އޭނާއަކީ ޓެރަރިސްޓެއް ކަމަށް ބުނެ ޕާސްޕޯޓު ދޫ ނުކުރާނެ ކަމަށް ބުނެފައެވެ. އެ ގައުމުގެ ޖޫނިއާ ފޮރިން އެފެއާޒް މިނިސްޓަރު ހުމާޔޫން ކޮބީރު ވިދާޅުވީ، ހަސީނާއަކީ ފިލައިގެން އުޅޭ ކުށްވެރިއެއް ކަމަށާއި، އިންޑިއާއާއެކު އޮތް ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އޭނާ ހަވާލުކުރުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި އިސްތިއުނާފުކުރުމުގެ ފުރުސަތު ގެއްލިފައިވާތީ، ހަސީނާ އެނބުރި ވަޑައިގެންފި ނަމަ މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ބަންގްލަދޭޝްގެ ދައުލަތުގެ ޕްރޮސިކިއުޓަރަކު ވިދާޅުވެފައިވެއެވެ.