ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނާއި ގުޅުންހުރި އިދާރާތައް ގުޅިގެން އެކުލަވާލާފައިވާ ޓާސްކް ފޯސްއިން ރޭ މާލެ ސަރަހައްދުގައި ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ރޭ ކުރިއަށް ގެންދިޔަ މި ރެއިޑް އޮޕަރޭޝަނުގައި ޖުމްލަ 97 ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ. އަދި މި އިންސްޕެކްޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ މީހަކު ފާހަގަކުރެވިގެން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން މެދުކެނޑުމެއް ނެތި ރެއިޑް އޮޕަރޭޝަންތައް ހިންގަމުން އަންނައިރު، ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ "އޮޕަރޭޝަން ސްޓޯމް މޭކާ 4" ގެ ދަށުންވެސް ވަނީ މުހިންމު ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން، މީހުން ޓްރެފިކްކުރުން ހުއްޓުވުމަށާއި މެންބަރު ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް ގުޅިގެން މަސައްކަތްކުރުމުގެ މަގްސަދުގައި، މިދިޔަ މަހުގެ 28 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނަކާއި ރެއިޑް އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އެ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، މާލޭގެ ބާޒާރު ސަރަހައްދާއި ނޯތު ހާބަރުން 160 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެ ތެރެއިން 9 މީހަކަށް ވަނީ ނޯޓިސް ދީފައެވެ. އަދި ގަވާއިދާ ހިލާފަށް އުޅުނު އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެއިތުރުން، ހަމަ އެ ރޭ ހުޅުމާލޭގެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، 79 މީހުން ޗެކްކުރުމަށްފަހު، 6 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ވަޒީފާ އަދާކުރަމުންދާ ބިދޭސީން ހޯދައި، އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން އިސްކަންދީގެން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.