އިންޓަޕޯލްއިން މި އޮކްޓޫބަރު މަހު ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ "އޮޕަރޭޝަން ސްޓޯމް މޭކާ 4" ގެ ދަށުން، މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލެއާއި ހުޅުމާލޭގައި ހާއްސަ ކުއްލި އިންސްޕެކްޝަނަކާއި ރެއިޑް އޮޕަރޭޝަނެއް އިއްޔެ ހިންގައިފިއެވެ.
މި އޮޕަރޭޝަނަކީ މީހުން ޓްރެފިކްކުރުން ހުއްޓުވުމަށާއި، އިންޓަޕޯލްގެ މެންބަރު ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް ގުޅިގެން މަސައްކަތްކުރުމަށް ހިންގި އޮޕަރޭޝަނެކެވެ.
އޮޕަރޭޝަންގެ ތެރެއިން އިއްޔެ މާލޭގެ ބާޒާރު ސަރަހައްދާއި ނޯތު ހާބަރުން 160 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 9 މީހަކަށް ނޯޓިސް ދީފައިވާއިރު، އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން، ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، 79 މީހުން ޗެކްކުރުމަށްފަހު އިތުރު 6 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަންގައި ސިލްސިލާކޮށް ޖުމްލަ 239 ބިދޭސީން ޗެކްކޮށް، ގަވައިދާ ހިލާފަށް އުޅުނު 7 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދޭގޮތުގައި ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް މިފަދަ އިންސްޕެކްޝަންތައް ކުރިއަށްއޮތް ތަނުގައިވެސް ކުރިއަށްދާނެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިމިގްރޭޝަނުން ވަނީ ސިލްސިލާ ގިނަ އޮޕަރޭޝަންތަކެއް ހިންގާފައެވެ.
އެގޮތުން، ނިމުނު ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ހަވީރު މާލޭގެ އާންމު ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ "މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" ގެ ދަށުން 75 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް އުޅުނު އެކަކު ވަނީ ހިފަހައްޓާފައެވެ.
މީގެއިތުރުން، ސެޕްޓެމްބަރު 7 ވަނަ ދުވަހު ހުޅުމާލޭގެ ސެލޫން އަދި ސްޕާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނުގައި 8 ތަނެއް ބަލައި، 26 ބިދޭސީން ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 7 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު ހަވާއިދާ ހިލާފަށް ހިންގަމުންދިޔަ ކެފޭތައް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނުގައި 5 ތަނަކުން 14 ބިދޭސީން ޗެކްކޮށް، 2 މީހަކު ވަނީ ހިފަހައްޓާފައެވެ.
