މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި "ދެރަހަ" ނަމަކަށް ކިޔާ ބޯޓުގައި ތިބި ފަޅުވެރިން ސަލާމަތްކޮށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ނޮވެންބަރު މަހުގެ 8 ވަނަ ދުވަހުގެ ރޭ ދަންވަރު 00:40 ހާއިރުއެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބާކްރާފްޓް ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް ހަރަކާތްތެރިވާން ފަށާފައެވެ.

މި ބޯޓުގައި ޖުމްލަ 10 މީހުން ދަތުރުކުރަމުން ދިޔައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަ ބިދޭސީންނެވެ. އެމްއެންޑީއެފުން ހިންގި ސަލާމަތީ އޮޕަރޭޝަނުގައި، އޭގެ ތެރެއިން ހަތް މީހަކު ރޭ ދަންވަރު 01:53 ހާއިރު ވަނީ ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގާފައެވެ. އަދި ބޯޓު ފަރަށް އެރުމާ ގުޅިގެން ޑިންގީއެއްގައި ގދ. ފެންފުއްޓާއަށް އަރައިތިބި އަނެއް ތިން މީހުން ވަނީ 02:10 ހާއިރު ހާބަރކްރާފްޓަށް ނަގައި، އެންމެންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްފައެވެ.

ފަރަށް އެރި "ދެރަހަ" ބޯޓު ފުންކުރުމުގެ މަސައްކަތަށް، އެ ބޯޓުގެ ވެރިފަރާތުން ފޮނުވި "ސްވިފްޓް" ނަމަކަށް ކިޔާ ދޯނި ފަތިހު 04:22 ހާއިރު އެ ސަރަހައްދަށް އައުމުން، ކޯސްޓްގާޑުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން މިހާރުވެސް ދަނީ، ބޯޓުގެ ވެރިފަރާތާ ގުޅިގެން އެ ބޯޓު ފުންކުރުމަށް ވާންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.