ގއ. ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން، 2026 އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރަމުންދާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނާއި، ސިފައިންގެ މީހަކާއި ފުލުހުންގެ މީހެކެވެ. މި މީހުން ހޯދުމުގެ އޮޕަރޭޝަނުގައި އެމްއެންޑީއެފުން އަންނަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ބޭނުންކުރާ "އަންމޭންޑް އޭރިއަލް ވެހިކަލް" (ޔޫއޭވީ) ނުވަތަ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން ބޮޑު ސަރަޙައްދެއް ވަނީ ބަލާފައެވެ. މި ޔޫއޭވީތަކަކީ އިންފްރާރެޑް ސެންސަރުތައް ބޭނުންކޮށްގެން ރޭގަނޑުވެސް ކަނޑުމަތީގެ ތަކެތި ދެނެގަތުމުގެ ޤާބިލުކަން ހުރި ވަސީލަތްތަކެކެވެ. މިގޮތުން ކުރެވުނު މަސައްކަތުން، ކަނޑުމަތިން އޮޔާދިޔަ ބައެއް ތަކެއްޗާއި ގޯނި ފަދަ ޑެބްރީސް ޔޫއޭވީގެ ސެންސަރުތަކަށް ވަނީ ފާހަގަކުރެވިފައެވެ.
ކަނޑުމަގުން ކުރިއަށްދާ އޮޕަރޭޝަނުގައި، އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އާއި، ކޯސްޓްގާޑުގެ އިންޓަރސެޕްޓަރ ކްރާފްޓްތަކާއި، ހާބަރ ޕެޓްރޯލް ލޯންޗުތަކުގެ އިތުރުން ފުލުހުންގެ ލޯންޗުތައް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް ހުވަދޫ ކަނޑުގެ ދެކުނުން ގއ. އަތޮޅުގެ ފަރުތަކާއި، ހުވަދޫ ކަނޑުގެ އުތުރުން ލ. އަތޮޅުގެ ފަރުތައް ހިމެނޭހެން ބޮޑު ސަރަޙައްދެއް ވަނީ ބަލާފައެވެ.
މި ހާދިސާގައި ދޯނި އަޑިއަށް ދިޔައީ 1600 މީޓަރަށް ވުރެ ފުން ސަރަޙައްދަކަށެވެ. މިއީ އާދައިގެ ސަބްމެރިންތަކަށް ވެސް އޮޕަރޭޓް ކުރެވޭ ވަރަށް ވުރެ މާ ފުން ސަރަޙައްދެއްކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.
ހާދިސާގައި ސަލާމަތްވި މީހުން ދިން މަޢުލޫމާތަށް ބަލާއިރު، ދޯނި ފެތެމުންދިޔަ ވަގުތު ކަނޑަށް ފުންމާލި އެންމެން ވަނީ ސަލާމަތްކުރެވިފައެވެ. އޭގެ ތެރޭގައި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި، އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަނަކާއި، ފުލުހެއްގެ އިތުރުން ތިން ފަޅުވެރިން ހިމެނެއެވެ.
މި ނުރައްކާތެރި ވަގުތުގައި ސަލާމަތްވި މީހުން ދެއްކި ހިތްވަރު އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ. ވަކިން ޚާއްޞަކޮށް، ކޯސްޓްގާޑުގެ ޑައިވަރ ސާޖަންޓް އަސްރާރު ޢަލީ، ދެ ބިދޭސީއަކު ސަލާމަތްކުރުމަށް ކަނޑުމަތީގައި ކުރި ހިތްވަރުގަދަ މަސައްކަތާއި، ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު އަދި ސާޖަންޓް ޢަލީ ސައިފްގެ އިތުރުން އޯގްޒިލަރީ ފަޔަރމަން ޢަބްދުﷲ ޝަފީޤު ކުރި މަސައްކަތް ވަނީ ނަމޫނާއެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫން ވެސް ވަނީ ދޯނި ސަލާމަތްކުރުމަށް އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކޮށްފައެވެ.
އޮގަސްޓް 14 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލާފައެވެ. ދިވެހި އަސްކަރިއްޔާއާއި ފުލުހުން ދެމިތިބީ ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ ޤައުމީ ވާޖިބުގައި ސާބިތުކަމާއެކުގައެވެ.
