2027 ވަނަ އަހަރަށް ލަފާކޮށް ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވަނީ ފަންނީ މުހިންމު ލަފާތަކެއް ދެއްވައި ތަފްސީލީ ރިޕޯޓެއް ނެރުއްވާފައެވެ. ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ދަށުން މިނިސްޓާ އޮފް ފިނޭންސް މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުށަހެޅުއްވި ބަޖެޓުގެ މެކްރޯ އިކޮނޮމިކް އަންދާޒާތަކާއި، އާމްދަނީ އަދި ހަރަދުތަކުގެ ސައްހަކަން ދެނެގަތުމަށްފަހު އޮޑިޓާ ޖެނެރަލް ދެއްވި ލަފާގައި، މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އަވަސް އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހޭކަން ވަނީ ހާމަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2027 ވަނަ އަހަރުގެ ދައުލަތުގެ ޖުމްލަ ބަޖެޓަކީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ދަރަނި އަދާކުރުމާއި، ކެޕިޓަލް ދޫކުރުމާއި ލޯނު ދިނުމަށް ކަނޑައަޅާފައިވާ ފައިސާ އުނިކުރުމުން ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި ހިމެނެނީ 52,601 މިލިއަން ރުފިޔާއެވެ. މިއީ 2026 ވަނަ އަހަރުގެ ރިވައިސްޑް ބަޖެޓުގެ ހަރަދު ކަމުގައިވާ 49,330 މިލިއަން ރުފިޔާއާ އަޅާބަލާއިރު 6.6 ޕަސެންޓްގެ އިތުރުވުމެކެވެ.

2027 އަށް ލަފާ ކުރާ ބަޖެޓް

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43,158 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި 33,640 މިލިއަން ރުފިޔާ، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9,169 މިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 349 މިލިއަން ރުފިޔާއެވެ. މި އަންދާޒާތަކާއެކު 2027 ވަނަ އަހަރުގެ ބަޖެޓް އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރެވެނީ 9,443 މިލިއަން ރުފިޔާގައެވެ. އަދި ޕްރައިމަރީ ޑެފިސިޓަކީ 4,454 މިލިއަން ރުފިޔާއެވެ. ބަޖެޓް ފައިނޭންސް ކުރުމަށްޓަކައި ގްރޮސް ފައިނޭންސިންގގެ ގޮތުގައި 18,909 މިލިއަން ރުފިޔާ ހޯދަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން 2027 ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 161,301 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.

އާމްދަނީގެ އަންދާޒާތަކާއި ކުރިމަތިވެދާނެ ގޮންޖެހުންތައް

2027 ވަނަ އަހަރަށް ލަފާކޮށްފައިވާ އާމްދަނީގެ އަންދާޒާއަކީ 2026 ވަނަ އަހަރުގެ ރިވައިސްޑް އާމްދަނީ ކަމުގައިވާ 41,755 މިލިއަން ރުފިޔާއަށްވުރެ 1,403 މިލިއަން ރުފިޔާ (3.4 ޕަސެންޓް) އިތުރު އަދަދެކެވެ. އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާ ގޮތުގައި ނޮމިނަލް ޖީޑީޕީގެ ނިސްބަތުން އާމްދަނީ 2026 ގެ 33.3 ޕަސެންޓުން 2027 ގައި 34.1 ޕަސެންޓަށް އުފުލޭނެ ކަމަށް ބެލެވުނު ނަމަވެސް، މިއީ ހާސިލްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ލަނޑުދަނޑިއެކެވެ.

ހާއްސަކޮށް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ރާވާފައިވާ ބައެއް ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ އިސްލާހުތައް އަދިވެސް ފާސްވެފައި ނުވުމަކީ ބޮޑު ކަންބޮޑުވުމެކެވެ. އަދި އަލަށް ހުށަހެޅޭ ޓެކްސްތަކާއި ޓެކްސް ރޭޓުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އިގްތިސާދަށް އަންނާނެ ލޮޅުންތައް ފުރިހަމައަށް ވަޒަންކޮށްފައި ނުވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އުނިވެއްޖެނަމަ ބަޖެޓުގެ ޑެފިސިޓް އިތުރަށް ފުޅާވެގެންދާނެއެވެ. ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ ކުއްޔާއި ފީ ފަދަ ފައިސާ ހޯދުމުގައި ހުރި ހުރަސްތައް ނައްތާލުމަށް އާމްދަނީ ބަލައިގަންނަ އިދާރާތަކަށް ގާނޫނީ ބާރުވެރިކަން ދިނުން މުހިންމު ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.

މުވައްޒަފުންގެ މުސާރައާއި ޕެންޝަންގެ ހަރަދު އުފުލުން

ދައުލަތުގެ ރިކަރަންޓް ހަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ ހަރަދެވެ. 2027 ވަނަ އަހަރު ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކަށް 14,420 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މި ހަރަދު އަހަރުން އަހަރަށް ބޮޑުވަމުންދަނީ ނޭޝަނަލް ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ގެންނަ ބަދަލުތަކާއި، ދައުލަތުގެ މުވައްޒަފުންގެ ޖުމްލަ އަދަދު އިތުރުވަމުން ދިޔުމުގެ ސަބަބުންނެވެ. އޮޑިޓަރ ޖެނެރަލް ވަނީ މުވައްޒަފުންގެ އަދަދު ކޮންޓްރޯލްކޮށް، ދައުލަތުގެ އިދާރާތަކުގެ އުފެއްދުންތެރިކަމާއި ހިންގުމުގެ ހަރަދު ހަރުދަނާ އުސޫލަކުން ބެލެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.

މަޖިލީހަށް ހުށަހެޅި 2027 އަށް ލަފާކުރާ ބަޖެޓް މެންބަރެއް ބައްލަވާލައްވަނީ

ޕެންޝަން ހަރަދަށް ބަލާއިރު، 2027 ވަނަ އަހަރު 2,196 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބޭރުން އެކި މުއައްސަސާތަކުން ދެމުންގެންދާ ތަފާތު ޕެންޝަންތަކުގެ ސަބަބުން ނިޒާމު ފުށުއަރައި ހަރަދު އެތައް ގުނައަކަށް އުފުލެމުންދާކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. ހާއްސަކޮށް 65 އަހަރުން މަތީގެ ފަރާތްތަކަށް ދެވޭ އަސާސީ ޕެންޝަން ހައްގުވެރިންގެ ފުދުންތެރިކަމަށް ބަލައިގެން ދިނުމުގެ މުހިންމުކަން ވަނީ ހަނދާންކޮށް ދެއްވާފައެވެ. ރިޕޯޓުގައި އިންޒާރު ދީފައިވާ ގޮތުގައި، ޕެންޝަން ނިޒާމު އިސްލާހު ނުކުރެވިއްޖެ ނަމަ 2042 ވަނަ އަހަރު މި ހަރަދު 4 ބިލިއަން ރުފިޔާއަށް އަދި 2055 ވަނަ އަހަރު 7.9 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ސަބްސިޑީއާއި އާސަންދަ: ޓާގެޓެޑް ނިޒާމަކަށް ބަދަލުކުރުމުގެ މުހިންމުކަން

ދައުލަތުން ދެމުންގެންދާ ސަބްސިޑީތަކުގެ ހަރަދު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، 2027 ގެ ބަޖެޓުގައި ސަބްސިޑީއަށް ކަނޑައަޅާފައި ވަނީ 1,435 މިލިއަން ރުފިޔާއެވެ. މިއީ 2026 ގެ ރިވައިސްޑް އަދަދު ކަމުގައިވާ 3,692 މިލިއަން ރުފިޔާއާއި 2022 ގައި ރެކޯޑުކުރެވުނު 5,980 މިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ކުޑަކުރުމެކެވެ. މީގެ ތެރޭގައި ތެލުގެ ސަބްސިޑީއަށް 460 މިލިއަން ރުފިޔާ އަދި ކަރަންޓު އަގުހެޔޮ ކުރުމަށް 736 މިލިއަން ރުފިޔާ ހިމެނެއެވެ. ސަބްސިޑީ ހަރަދު ކުޑަކުރެވޭނީ އޭގެ ހަގީގީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެކަނި ލިބޭނެ ފަދަ "ޓާގެޓެޑް" ނިޒާމަކަށް ސަބްސިޑީ ބަދަލުކޮށްގެން ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ ތެލުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު އެތެރެކުރި ތެލުގެ 20 ޕަސެންޓް (710 މިލިއަން ޑޮލަރު) އަދި 2026 ގެ ސެޕްޓެމްބަރުގެ ނިޔަލަށް 27 ޕަސެންޓް (908 މިލިއަން ޑޮލަރު) ހިއްސާކުރަނީ ތެލުގެ ބާވަތްތަކެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުގެ އަސަރު ކުޑަކުރުމަށްޓަކައި އަވަހަށް ފިޔަވަޅު އަޅަންޖެހެއެވެ.

އާސަންދަ އާއި އެންސްޕާގެ ވެރިން ކޮމިޓީގެ ބައްދަލުވުމުގައި / ފޮޓޯ: މަޖިލިސް

އާސަންދައިގެ ހަރަދަށް ބަލާއިރު، 2027 ވަނަ އަހަރު 2,333 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ. މިއީ 2026 ގެ ރިވައިސްޑް އަދަދު ކަމަށްވާ 2,768 މިލިއަން ރުފިޔާއަށް ވުރެ ކުޑަ އަދަދެކެވެ. އާސަންދަ ހަރަދު ކޮންޓްރޯލް ކުރުމަށްޓަކައި ބޭހުގެ އަގު ކޮންޓްރޯލް ކުރުމާއި، ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމާއި، ޕްރައިވެޓް ހޮސްޕިޓަލްތަކަށް ހިދުމަތުގެ އަގު ދިނުމުގައި ހަރުދަނާ މިންގަނޑުތަކެއް ގެންގުޅެން ޖެހޭކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޕީއެސްއައިޕީ މަޝްރޫއުތައް

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) ބަޖެޓުން ކުރާ ހޭދަ ކުޑަކުރުމަށްޓަކައި އެ ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ތަންތަނަށް ހަދަންޖެހެއެވެ. 2027 ވަނަ އަހަރު ކުންފުނިތަކަށް ދޫކުރާ ކެޕިޓަލްގެ ގޮތުގައި 1,686 މިލިއަން ރުފިޔާ، ސަބްސިޑީގެ ގޮތުގައި 249 މިލިއަން ރުފިޔާ އަދި ލޯނުގެ ގޮތުގައި 300 މިލިއަން ރުފިޔާއާއެކު ޖުމްލަ 2,235 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ސަރުކާރަށް އަނބުރާ ނުލިބި ހުރި ފައިސާގެ އަދަދު (އޯވަޑިއު) 4,997 މިލިއަން ރުފިޔާއަށް އަރައެވެ. އެހެންކަމުން އެއްބާވަތެއްގެ މަސައްކަތްކުރާ ކުންފުނިތައް އެއްކޮށްލުމާއި (ރީސްޓްރަކްޗަރިން) ހަރަދު ކުޑަކުރުމުގެ އެކްޝަން ޕްލޭންތައް އަވަހަށް ތަންފީޒުކުރަން ޖެހެއެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އާ ބެހޭ ގޮތުން އިގްތިސާދީ ފައިދާ އެންމެ ބޮޑަށް ލިބޭނެ މަޝްރޫއުތަކަށް އިސްކަންދީ، ކޮންމެ މަޝްރޫއަކަށް ވެސް ފުރިހަމަ ފިސްކަލް އިމްޕެކްޓް އެނަލިސިސްއެއް ހެދުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.

ނުދައްކާ ހުރި ބިލްތައް އަދި ދަރަނީގެ ހިރާސް

2027 ވަނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ބޭނުންވާ 18,909 މިލިއަން ރުފިޔާ ހޯދުމަށް ރާވާފައިވަނީ ދަރަނީގެ ގޮތުގައި 15,646 މިލިއަން ރުފިޔާ ނަގައިގެންނާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި ލޯނު އަނބުރާ ލިބޭ ފައިސާއިން 3,263 މިލިއަން ރުފިޔާ ބޭނުންކޮށްގެންނެވެ.

މި ދާއިރާއިން އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި އެންމެ ނާޒުކު އެއް މައްސަލައަކީ ދައުލަތުން އެކި ފަރާތްތަކަށް ފައިސާ ނުދައްކައި ހުރި ބިލްތަކުގެ (ޕޭއަބަލްސް) މައްސަލައެވެ. ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ރެކޯޑުތަކަށް ބަލާއިރު، 2026 ގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުން ނުދައްކާ ހުރި ބިލްތަކުގެ ޖުމްލަ އަދަދު 7,462 މިލިއަން (7.4 ބިލިއަން) ރުފިޔާއަށް އަރައެވެ. މި ބިލްތައް ދެއްކުމަށް އެކަށީގެންވާ ފައިސާ ބަޖެޓުގައި ހިމަނާފައި ނުވާނަމަ، އޭގެ ނޭދެވޭ އަސަރު ވިޔަފާރިތަކަށާއި މުޅި އިގްތިސާދަށް ކުރާނެއެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހުގައި ބަޖެޓް ހުށަހަޅައި ދެއްވަނީ

ބޭރުގެ ބާޒާރުތަކުން ބޮންޑާއި ސުކޫކު ވިއްކައިގެން 2,699 މިލިއަން ރުފިޔާ (175 މިލިއަން ޑޮލަރު) އަދި ބޭރުގެ އެހީތެރިކަމާއެކު ބަޖެޓް ސަޕޯޓުގެ ގޮތުގައި 1,897 މިލިއަން ރުފިޔާ (123 މިލިއަން ޑޮލަރު) ހޯދަން ހިމަނާފައިވީ ނަމަވެސް، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްވުމުގެ ސަބަބުން ބޭރުން ފައިސާ ހޯދުމުގައި ބޮޑެތި ހިރާސްތަކެއް ހުރިކަން ވަނީ ފާހަގަކުރައްވާފައެވެ. ބޭރުން ފައިސާ ނުލިބިއްޖެނަމަ، ރަސްމީ ރިޒާވަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެއެވެ. މީގެ އިތުރުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ޖަމާކުރާ ފައިސާ އެ އަހަރެއްގެ ތެރޭގައި ދަރަނި ދެއްކުމަށް ހުސްކޮށްލުމުގެ ބަދަލުގައި، ކުރިމަގުގައި ދައްކަންޖެހޭ ބޮޑެތި ދަރަނިތައް ދެއްކުމަށްޓަކައި އެ ފަންޑުގައި ދާއިމީ ސޭވިންގއެއް ބެހެއްޓުމުގެ މުހިންމުކަން އޮޑިޓާ ޖެނެރަލް ވަނީ ހަނދާންކޮށްދެއްވާފައެވެ.

ޖުމްލަކޮށް ބަލާއިރު، 2027 ވަނަ އަހަރުގެ ބަޖެޓަކީ ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިސްލާހީ އަވަސް ފިޔަވަޅުތަކަކަށް އަމަލީ ސިފަ ގެންނަން މަޖުބޫރުކުރުވާ ބަޖެޓެކެވެ. ހަރަދުތައް ހިފެހެއްޓުމަށާއި، ދަރަނީގެ ބުރަ ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަކީ ގައުމުގެ އިގްތިސާދީ ދެމެހެއްޓެނިވިކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.