ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކޮށް، ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުން ޓެކްސް ނަގާގޮތަށް ގާނޫނަށް ގެނައި އިސްލާހު އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.
މި ބިލު މަޖިލިހަށް ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމްދީދީއެވެ. މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ރާއްޖެއިން ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށްޓަކައި ޖީއެސްޓީ ގާނޫނުގައި ހިމަނާފައިވާ އެންމެހައި މާއްދާތައް އުނިކުރުމެވެ.
ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކުރުމުގެ ގޮތުން ބޭރުގެ އެޖެންޓުންނާ، ޕްލެޓްފޯމުތަކުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނަށް ގެނައި އަށްވަނަ އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ. ނަމަވެސް، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ޓެކްސް ނަގަން ފެށުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކާއި ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންގެ އެސޯސިއޭޝަންތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ރިއާޔަތްކުރެއްވުމަށްފަހު، މި ޓެކްސް ނަގަން ފެށިތާ ތިންވަނައަށް ވީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ނިންމެވުން ބަދަލުކުރައްވަން ނިންމަވާފައިވާކަން އިއުލާނު ކުރައްވާފައެވެ. ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި މި ބިލަކީ އެ ނިންމެވުމާ އެއްގޮތަށް ގާނޫނުން އެ ބައިތައް މުޅިން އުވާލުމަށް ހުށަހެޅުނު ބިލެކެވެ.
