ދިވެހިރާއްޖޭގެ ބިމުގައި، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމަކީ ގައުމުގެ އިސްތިގުލާލާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހސއްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި "އެކްސް" ގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދަނޑުވެރިންގެ ދުވަހަކީ ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިގްތިސާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރަމުންދާ އަގުހުރި ދައުރުގެ މުހިންމުކަން ހަނދާންކޮށްދޭ މުނާސަބަތެއް ކަމަށެވެ. އަދި ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ނުވަތަ އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ކުރިމަތިވާ އެކި ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރަން ޖެހިފައިވާކަން ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވުމަކީ ގައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ އައު ފުރުސަތުތައް ތަނަވަސްވެގެންދާނޭ ކަމެއް ކަމަށެވެ.

މީގެއިތުރުން، އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ އެކަށައެޅިފައިވާ ވަކި ބާވަތްތަކެއް ބޭރުން އެތެރެކުރުމަކާ ނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލައަށް ހައްދައިގެން ބާޒާރަށް ނެރެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުވާނޭހެން ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އެމަނިކުފާނުގެ ސާބިތު އަޒުމެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ދަނޑުވެރިންގެ ދުވަހުގެ އުފާވެރި މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށާއި، ދަނޑުވެރި ޢާއިލާތަކުގެ އިތުރުން މި މުހިންމު ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އިހްލާސްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.