ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމެންޓްރީގައި އިންޓަވިއު ދިން ކަމަށް ތުހުމަތުކުރެވޭ އީޝާ އަޝްރަފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މާދަމާ ހެނދުނު 10:00 ގައި ބާއްވާ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިއްރުކޮށްގެންނެވެ. އެހެންކަމުން މި އަޑުއެހުމަށް ވަނުމުގެ ފުރުސަތު މީޑިއާތަކަށް ދީފައެއް ނުވެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލައިގައި އެންމެ ފުރަތަމަ އީޝާގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މި މައްސަަލައިގައި ދެން އިތުރަށް ވަކާލާތު ނުކުރައްވަން ނިންމާ، ވަކީލުންގެ ޓީމުން ވަކިވެވަޑައިގެންފައެވެ. އަދި އީޝާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފަރީދުގެ އިތުބާރު ނެތްކަމަށް ބުނެ އީޝާވަނީ ވަކީލުންގެ ޓީމުން އޭނާ ވަކިކޮށްފައެވެ. އެހެންކަމުން މި މައްސަލައިގައި މިހާރު އީޝާ މަސައްކަތްކުރަމުން ދަނީ އެހެން ވަކީލުންގެ ޓީމަކާއެކު ގައި ކަމަށް މައުލޫމާތު ލިބެއެވެ.
މި މަހުގެ 5 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށި މި މައްސަލައިގެ ފުރަތަމަ އަޑުއެހުންވެސް ސިއްރުކޮށްފައިވާއިރު މީގެ ކުރިން އީޝާ ވަނީ ތަހުގީގު މަރުހަލާގައި ދިފާއުގައި ވާހަކަދައްކަން ފުލުހުން ފުރުސަތު ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ އެ ނޫސް ހިންގާ އޮފީހަށް ވަދެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވެސް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން އީޝާ އަޝްރަފްގެ އިތުރުން އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އަދި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ. މި ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މިދިޔަ މޭ މަހު ފިޔާޒާއި ހަސަންގެ މައްޗަށް ވެސް ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލާފައެވެ. މަސްދަރު ހިމާޔަތްކުރުމަށް ތަހުގީގުގައި ހަނު ތިބި އެ ދެ ނޫސްވެރިންގެ ޝަރީއަތް ވެސް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުންނެވެ.
މީގެ އިތުރުން ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކު މީގެ ކުރިން ވަނީ ޖަލަށްވެސް ލާފައެވެ. މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރާ 'ގެގް' އަމުރެއް ވެސް ނެރެފައެވެ.
