ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި، ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ ފަރާތަކުން ވެސް އާ ޢަޒުމަކާއެކު އަމިއްލަ ނަފުސުގެ މައްޗަށް ޖިހާދެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
މެޑަމް ސާޖިދާ މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މުލަކު އަތޮޅު، މުލަކު ސްކޫލު ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، މިއަދު މި ފެށެނީ ދުންފަތާ ދުރުހެލިވުމުގެ ހާއްސަަ ގައުމީ ކެންޕޭނެއް ކަމަށާއި، މިއީ ނަތީޖާ ފެންނާނެ ހެޔޮ މަސައްކަތެއް ކަމަށެވެ. އަދި މި ކެންޕޭނުގެ ސަބަބުން، މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރުގައި ބާރުއަޅާ ކަންކަމަށް ހާއްސަަ އިސްކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދުންފަތުގެ އިސްތިއުމާލުކުރުމާއި އެކަމަށް ހިތްވަރުދޭ ގޮތަށް މަގުފަހިވެފައިވާ ކަންތައްތަކަށް އެކަމަނާ ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލެއްވިއެވެ. އަދި މި ބޮޑު ގައުމީ މައްސަލައިން ދިވެހި ގައުމު ސަލާމަތްކުރުމަށްޓަކައި ހުރިހާ ދިވެހީން އަތުގުޅާލުމަށް ގޮވާލައްވަމުން، ކެފޭތަކާއި ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކާއި ވިޔަފާރިވެރިން މި ނުރައްކާތެރި ވަބާއިން ގައުމު ސަލާމަތްކުރުމުގައި އިސްނަގައި، މުހިންމު ދައުރެއް އަދާކުރުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.
މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ "އެންޓި ޓޮބޭކޯ ކެމްޕެއިން، ދެން ހުއްޓާލަމާ"ގެ ލޯގޯ ރަސްމީކޮށް އިފްތިތާހްކޮށްދެއްވާފައެވެ. މިއީ 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގައުމީ ކެމްޕޭނެކެވެ. މީގެ އިތުރުން، މި މުނާސަބަތާ ގުޅޭ ލައިވް ކެންވަސްގައި ކުލަޖައްސަން ފައްޓަވައިދެއްވައި، ޕްލެޖް ބޯޑުގައި އެކަމަނާ ވަނީ "ދުންފަތަށް ނޫނެކޭ ބުނުމަށް" އިލްތިމާސްކުރައްވައި މެސެޖެއް ލިޔުއްވާފައެވެ.
މި ރަސްމިއްޔާތުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރެއްވި ފަރާތްތަކަށް ދެއްވާ "ހެލްތު މިނިސްޓާޒް އެވޯޑް ފޯ ޓޮބޭކޯ ކޮންޓްރޯލް އެކްސަލަންސް" ލިބުނު ފަރާތްތައް ވެސް ވަނީ އިއުލާންކޮށްފައެވެ. ރަސްމިއްޔާތަށްފަހު އެކަމަނާ ވަނީ މުލަކު ސްކޫލުގެ ދަރިވަރުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ޕޯސްޓަރުތައް ބައްލަވާލައްވައި، ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު ގީލާ އަލީއާއި، ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އަދި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މިސް ޕޭޑަންއާއި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނައުފަލް ބައިވެރިވެވަޑައިގަތެވެ.
