އަލަށް އަމަލުކުރަން ފެށި ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ބޭރުގެ ފަރާތްތަކަށް ވިޔަފާރި ނުކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ދާއިރާތަކުން، ބޭރުގެ އިންވެސްޓަރުން ވަކިވުމަށް (ޓްރާންސިޝަން ފުރިހަމަކުރުމަށް) ދީފައިވާ މުއްދަތު 8 އޮކްޓޫބަރު 2026 އަށް ހަމަވާތީ، އެކަމަށް ސަމާލުވުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އާ ގަވާއިދުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ބަންދުކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓޭލް ވިޔަފާރިގެ އިތުރުން ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް، އަދި ޕެސެންޖާ ސޭލްސް އޭޖެންޓްގެ ހަރަކާތްތައް ހިމެނެއެވެ.
މި ދާއިރާތަކުގައި މިހާރު ހުއްދަ އޮތް ބޭރުގެ ކުންފުނިތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ހަރަކާތްތަކުން ވަކިވެ، ގަވާއިދަށް ފެތޭގޮތަށް ކަންކަން ހަމަޖައްސަންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީގެ ރެކޯޑުތަކުގައ ހުރި މައުލޫމާތުތަކަށް ބިނާކޮށް އާ ގަވައިދަށް ކޮމްޕައިލްވާން ޖެހޭ ކުންފުނިތަކަށް އީމެއިލްގެ ޒަރީއާއިންނާ، ފޯނުން ގުޅުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ނަމަވެސް ގުޅޭގޮތް ނުވި 8 ކުންފުންޏެއް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ. އެ ކުންފުނިތަކަކީ:
- މެގަ ސްޕީޑްލައިނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އެސްލިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އިސޯލާ ކްރިއޭޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ޑީނަމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ލެމިންޓަންސް ޖެވެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އެމް.ޔޫ.ކޭ އެޕެރެލްސް ޕްރައިވެޓް ލިމިޓެޑް
- ލެކްޖެމްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އޯޝަން ވެލް ގާމެންޓްސް ޕްރައިވެޓް ލިމިޓެޑް
އިކޮނޮމިކް މިނިސްޓްރީން ވަނީ މި ކުންފުނިތަކުގެ ޑިރެކްޓަރުން، ހިއްސާދާރުން، ނުވަތަ ހުއްދަދެވިފައިވާ މަންދޫބުން ލަސްނުކޮށް އިންވެސްޓް މޯލްޑިވްސް (ފޮރިން އިންވެސްޓްމަންޓް ޔުނިޓް) އަށް ގުޅުމަށް އެދިފައެވެ. އެއާއެކު މިނިސްޓްރީން ވަނީ ކަނޑައެޅިފައިވާ 8 އޮކްޓޫބަރު 2026 ގެ ކުރިން ގަވާއިދަށް ފެތުމުގެ ކަންކަން ފުރިހަމަނުކުރާ ކުންފުނިތަކާމެދު ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭ ގާނޫނުގެ ދަށުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައެވެ.
ބިދޭސީ އިންވެސްޓްމަންޓްތަކާ ގުޅޭ އައު އުސޫލުތަކެއް ތައާރަފުކޮށްފައިވާއިރު، މީގެ ބޭނުމަކީ ރާއްޖޭގައި ކުރާ ބިދޭސީ ވިޔަފާރިތައް ވަކި މިންގަނޑެއްގެ ތެރެއިން ރެގިއުލޭޓްކުރުން ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.
