އެމެރިކާގެ އެންމެ އުތުރުގައި އޮންނަ ސަހަރު ކަމަށްވާ އަލާސްކާގެ އުޓްކިއާގްވިކް އަށް ކުރިއަށް އޮތް 65 ދުވަހަށް އިރު ނާރާ ގޮތަށް، އެ ސަހަރުގެ "ޕޯލާ ނައިޓް" ފެށިއްޖެއެވެ.
ގާތްގަނޑަކަށް 5،000 މީހުންގެ އާބާދީއެއް އޮންނަ މި ސަހަރަށް އެންމެ ފަހުން އިރު އޮއްސިފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު ގައެވެ. ދެން އެ ސަހަރަށް އަލުން އިރު އަރާނީ އަންނަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހުގައެވެ. މިއީ ދުނިޔެ އޭގެ ނާރެހުގައި އަރިވެފައި ހުންނަ ގޮތުން، އާކްޓިކް ސާކަލްގެ އުތުރުގައި އޮންނަ ސަރަހައްދުތަކަށް އިރުގެ އަލި ނުލިބި ދިމާވާ ގުދުރަތީ ހާލަތެކެވެ.
މި 65 ދުވަހުގެ މުއްދަތުގައި އިރު ނޭރި ނަމަވެސް، މުޅި ދުވަސް އެއްކޮށް އަނދިރިކޮށެއް ނޯންނާނެއެވެ. ކޮންމެ ދުވަހަކުވެސް މެންދުރުގެ ވަގުތުގައި ދެކުނު އުދަރެހުން އިރުއޮއްސޭ ވަގުތު ފެންނަ ފަދަ ފަނޑު އަލިކަމެއް ފެންނަން ހުންނާނެއެވެ. މި އަލިކަން ފުރަތަމަ ކޮޅު 6 ގަޑިއިރަށް ދެމިގެންދިޔަ ނަމަވެސް، ޑިސެމްބަރު މަހުގެ ފަހުކޮޅު އެ ވަގުތު 3 ގަޑިއިރަށް ކުރުވާނެއެވެ. އަދި ހޫނު މޫސުމުގައި މީގެ އިދިކޮޅަށް، މެއި 10 އިން ފެށިގެން އޮގަސްޓް މަހުގެ ކުރީކޮޅާ ހަމައަށް ގާތްގަނޑަކަށް 84 ދުވަސް ވަންދެން އެ ސަހަރަށް އިރު ނޮއޯއްސިއޮވެއެވެ.
އިރުގެ އަލި ނުލިބުނު ނަމަވެސް އެ ސަހަރުގެ އާންމު ދިރިއުޅުމަށް ބަދަލެއް ނާދެއެވެ. ސްކޫލްތަކާއި، ފިހާރަތަކުގެ އިތުރުން އަލާސްކާގެ ހަމައެކަނި ޓްރައިބަލް ކޮލެޖް ކަމަށްވާ އިލިސާގްވިކް ކޮލެޖްވެސް ހުޅުވިފައި ހުންނާނެއެވެ. ޖެނުއަރީ މަހު އެ ސަހަރުގެ ފިނިހޫނުމިން މައިނަސް 18 ޑިގްރީ ފެރެންހައިޓަށް ވެއްޓޭއިރު، އަހަރަކު 45 އިންޗީގެ ސްނޯ ފައިބައެވެ. ނަމަވެސް ވައިގެ ތެތްކަން ކުޑަކަމުން އެ ސަހަރު ގުނާލެވެނީ ސަހަރާއެއްގެ ގޮތުގައެވެ.
އެހެން ސަރަހައްދުތަކާ އެއްގަމު މަގުން ގުޅިފައި ނުވާ މި ސަހަރަށް ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ގެންދަނީ ވައިގެ މަގުންނާއި ބޯޓުފަހަރުގައެވެ. މީގެ އިތުރުން، އެ ސަހަރުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ބޯހެޑް ބޮޑުމަސް ޝިކާރަކޮށް، ގަނޑުފެނުގެ ބިމުގައި ކޮނެފައިވާ ހާއްސަ ގުދަންތަކުގައި މަސް ރައްކާކުރެއެވެ. ނަމަވެސް، ދުނިޔޭގެ އެހެން ހިސާބުތަކަށްވުރެ ހަތަރު ގުނަ ބާރަށް އާކްޓިކް ސަރަހައްދު ހޫނުވަމުން ދިއުމުގެ ސަބަބުން، ކަނޑުގެ ގަނޑުފެންތައް ތުނިވެ، ޝިކާރަކުރުމަށާ، މަސް ރައްކާކުރާ ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ދިރާސާތަކުން ދައްކައެވެ.
