2007 ވަނަ އަހަރު 'އަވާރަޕަން' ރިލީޒްކުރި އިރު، ގޭންގްސްޓަރެއް ކުށްތަކުން ސަލާމަތްވެ، ރަނގަޅު މަގަށް އެނބުރި ދިއުމުގެ ދަތުރު އިމްރާން ހާޝްމީ ދައްކުވައިދިން ގޮތުން ބެލުންތެރިންގެ ހިތްތައް އަތުލިއެވެ. އޭގެ 19 އަހަރަށްފަހު، 'އަވާރަޕަން 2' ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނައިރު މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.
މި ފިލްމުގެ ފުރަތަމަ ބައިގެ ނިމުމުގައި ޝިވަމް (އިމްރާން ހާޝިމީ) މަރުވާ މަންޒަރު ފެނުނު ނަމަވެސް، އޭނާ މަރުން ސަލާމަތްވެ، އެނބުރި އައިސް އޭނާގެ ލޯބިވެރިޔާ އާލިޔާ (ޝްރިޔާ ސަރަން) ގެ މަހާނައަށް މާ ހަދިޔާކުރާ މަންޒަރު ފެނެއެވެ. 'އަވާރަޕަން 2' އިން ބެލުންތެރިން ގެންގޮސްދޭނީ ޝިވަމް ޕަންޑިތުގެ އޮޅުންބޮޅުންވެފައިވާ ދިރިއުޅުމުގެ ދަތުރަށެވެ. އިމްރާން ހާޝްމީގެ އަޑުން ކިޔައިދޭ މި ވާހަކައިގައި ފެންނާނީ، ހިތާމަ އާއި ހިތްދަތިކަމުގެ ތެރޭގައި ސަލާމަތްވާން މަސައްކަތްކުރާ، އަދި ދިރިއުޅުމުގައި މަގްސަދެއް ހޯދަން އުޅޭ މީހެއްގެ ވާހަކައެވެ.
އިމްރާން ހާޝްމީގެ ރުޅިވެރި މިޒާޖާ އަސަރުގަދަ އަދި އެކްޝަން ގިނަ މަންޒަރުތަކެއް ފެނިގެންދާ މި ފިލްމުގެ މަޝްހޫރު ލަވަ "ތޯ ފިރް އާއޯ" އާ ބަދަލުތަކާއެކު ޓީޒާގައި ހިމަނާފައިވެއެވެ. މިއީ މި ފްރެންޗައިޒްގެ ދުވަހަކުވެސް ހަނދާނުން ނުފޮހެވޭނެ ކްލެސިކް ލަވައެކެވެ.
ނިތިން ކައްކަރް ޑައިރެކްޓްކުރާ މި ފިލްމުން، އިމްރާން ހާޝްމީ 'ޝިވަމް ޕަންޑިތު' ގެ ގޮތުގައި އެނބުރި އަންނައިރު، ފިލްމުގެ މުހިންމު ރޯލުތަކުން ޝަބާނާ އަޒްމީ (ނަފީސާގެ ރޯލުން)، ސަލީލް އަޗާރިއާ (ރޮނީގެ ރޯލުން)، އަދި ދިޝާ ޕަޓާނީ، ވިޖަޔަންތު ކޯލީ އަދި އަތުލް ކުމާރު ފެނިގެންދާނެއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އޯގަސްޓް 14 ގައެވެ.
އިމްރާން ހާޝިމީ ހާމަކުރި ގޮތުގައި މި ފިލްމަކީ ހަމައެކަނި މާޒީގެ ހަނދާންތައް އާކުރުމުގެ ގޮތުން ނުވަތަ ވިޔަފާރި ފައިދާއަށް ހަދާ ފިލްމެއް ނޫނެވެ. މި ފިލްމުގެ ވާހަކަ ރޭވުމަށް 7 އަހަރު ހޭދަވި ކަމަށާއި، މިއީ ޝިވަމްގެ ދަތުރު ކުރިއަށްދާނެ މޮޅު ސްކްރީންޕްލޭއެއް ކަމަށް އޭނާ ބުންޏެވެ.
