މިފްކޯއިން މަސް ގަންނަ އަގު މަތިކޮށް، ކިލޯއެއްގެ އަގު 22 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
މިއީ ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި އެކުންފުނިން މަސް ގަންނަ އަގަށް ބަދަލު ގެނައި 4 ވަނަ ފަހަރެވެ. މިދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން އާންމުގޮތެއްގައި ދަށް ދުވަސްވަރެއް ނަމަވެސް، ބައިނަލްއަގްވާމީ ބާޒާރުގައި މަހަށް އޮތް ޑިމާންޑް އިތުރުވުމާ، މަހަށް ރަނގަޅު އަގެއް ލިބެމުން ދިއުމާ ގުޅިގެން މިފްކޯއިން ވަނީ އަގަށް ހެޔޮ ބަދަލެއް ގެނެސްފައެވެ.
އެންމެ ފަހުން އޯގަސްޓު 29 ގައި މިފްކޯއިން މަސް ގަންނަމުން އައީ ކިލޯއެއް 21 ރުފިޔާއަށެވެ. ނަމަވެސް މިއަދުން ދޯންޏަށް މަސް ގަންނަ އަގު މިވަނީ އިތުރު 1 ރުފިޔާއިން ބޮޑުކޮށްފައެވެ.
މިފްކޯއިން ބުނެފައިވަނީ މަހުގެ އަގު ކަނޑައެޅުމުގައި ބަލަނީ ބާޒާރުގެ ފްލޯޓިން ޕްރައިސް އުސޫލަށް ކަމަށާ، މަސްވެރިންނަށް އެންމެ ފައިދާހުރި ގޮތަށް އަގުތައް ބަދަލުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އަދި މިހާރު މަސް ކިރުވުމަށްފަހު 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ އިންތިޒާމުވެސް އަންނަނީ ކުރިއަށްދަމުންނެވެ.
މިފްކޯ އިން ބުނީ މިއަދުން ފެށިގެން ފެލިވަރު، ކޫއްޑޫ، އައްޑޫ ކާރުހާނާގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުތަކުން މިއަގުގައި މަސް ގަންނަމުންދާނެކަމަށެވެ.
